ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާއިރު ގާސިމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުލް ބާރީ ޔޫސުފް ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާއިރު ގާސިމް ހައްޔަރުކުރުމަށް އަމުރު ނެރުނީވެސް ގާޒީ ބާރީ ކަމަށް ވެފައިވާތީ ބަންދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގާސިމްގެ ވަކީލުން ވަނީ އެދިފައެވެ.
ނަމަވެސް ގާޒީ ބާރީ ވަނީ މަޖިލީހުގެ ރިޔާސަތު ދޫނުކޮށް ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. މީގެ އިތުރުން ބަންދުގެ މުއްދަތަށް 15 ދުވަސް ޖެހީ ކީއްވެގެންތޯ ފުލުހުން ކައިރީ ސުވާލުކުރުމުން ގާޒީ ގާސިމްގެ ވަކީލުންގެ ސުވާލުތަކަށް ޖަވާބުދާރީ ވުމަށް ފުލުހުންނަށް އަމުރުކޮށްފައިނުވާ ކަންވެސް ގާސިމްގެ ވަކީލުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ ކުރިންވެސް ގާސިމް އިބްރާހިމް ހައްޔަރުކޮށްގެން ދޫނިދޫގައި ބަހައްޓާފައިވިނަމަވެސް ހައިކޯޓުން ވަނީ ގާސިމް ބަންދުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ބަންދުން މިނިވަން ކުރުމަށް އަމުރުކޮށްފައެވެ. އަދި ދައުލަތުން ގާސިމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ ގާސިމް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ދައުލަތާއި ދެކޮޅަށް މައްސަލަ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުށުގެ މާހައުލުގެ ތެރެއިން ބޭރުގައި ކުށެއް ކޮށްފިނަމަ އެމެމްބަރަކު ހައްޔަރުކުރެވޭނީ ޕީޖީ އިން ކޯޓުގައި އެދުމުން ކޯޓުން ނެރޭ އަމުރެއްގެ ދަށުންނެވެ. ކުރިން ފަހަރު ގާސިމް ހައްޔަރުކޮށްފައިވަނީ ޕީޖީގެ އެދުމަކާއި ނުލާ ކަމަށް ވުމުން ހައި ކޯޓުން ގާސިމް މިނިވަން ކުރިއިރު މިފަހަރު ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތް ބިޝާމް ވަނީ ގާސިމް ހައްޔަރުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.