Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ގާނޫނު އަސާސީ ހުއްދަކުރާ ކަމެއް ކުރުމަކީ ކުށެއް ނޫން: މައުމޫން

ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއް ކުރުމަށް މަސައްކަތް ކުރުމަކީ ކުށެއް ނޫން ކަމަށާއި، ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.

މައުމޫން މި ގޮތަށް ގޮވާލާފައިވަނީ ރޭ ދަންވަރު 12:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކޮށް މިއަދު ހަވީރު ގާސިމްގެ ބަންދަށް 15 ދުވަސް ޖަހާފައިވަނިކޮށެވެ.

ގާސިމް ހައްޔަރުކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމަނިކުފާން އިސްވެ ހުންނަވައިގެން މ. ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެ ކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަމުން ދާތީ އާއި މި ކަންތައްތަކަކީ މިހާރު ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަމަށް ވާތީ، ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މި ކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެއް ކަމެއް ކަމަށާއި، އަދި ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި އެމަނިކުފާން ހައްޔަރު ކުރުމަށް ނެރުނު އަމުރުގައިވެއެވެ.

ގާސިމް ހައްޔަރު ކުރުމާއި ގުޅިގެން އިންޓަރ ޕާލިމެންޓްރީ ޔުނިއަން (އައިޕީޔޫ)އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.