އައްޑޫގައި ހުރި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓްމަންޓް ފުރުސަތުތަކަށް ހާއްސަކޮށްގެން ބާއްވާ "އައްޑޫ އިންވެސްޓާސް ފޯރަމް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖްގައި ކުރިއަށް ގެންދާ މި ފޯރަމް އިފްތިތާހުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.
ފޯރަމް އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ 6 ސަހަރައްދަކަށް ބަހާލައިގެން ހިންގޭ މި މަޝްރޫޢުގެ ދަށުން 3000 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ގިނަ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އައްޑޫ އިންވެސްޓާސް ފޯރަމް" ގެ މައިގަނޑު މަގުސަދަކީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދު ފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ ފުޅާކުރެވޭނެ ގޮތްތައް ފަހިކުރުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.