Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މެދު އިރުމައްޗާއި ޔޫރަޕް ގުޅޭ ގޮތަށް އިތުރު އެއާލާއިނެއް އައްޑު އަށް

އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާޤް.

މެދުއިރުމައްޗާއި ޔޫރަޕް ގުޅޭ ގޮތަށް އިތުރު އެއާލައިނަކުން އައްޑު އަށް އަންނަ އަހަރުގެ މާޗް މަހުގައި ދަތުރުތައް ފަށާނެ ކަމަށް އިނަ މޯލްޑިވްސްގެ ޗެއާމަން މުހައްމަދު ފިރާޤު ވިދާޅުވެއްޖެ އެވެ.

މިއަދު ގަމުގެ އީކްއޭޓަ ވިލެޖްގައި ފެށި "އައްޑޫ އިންވެސްޓާސް ފޯރަމް" ގައި ފިރާޤް ވިދާޅުވި ގޮތުގައި އައްޑޫ ގެސްޓް ހައުސް ޕްރޮޖެކްޓްގެ ސަބަބުން އެއާލައިންތަކުން އައްޑު އަށް އޮޕަރޭޓް ކުރުން އިތުރުވުމަކީ ފީސިބަލް ކަމަކަށް ވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑު ޔަޤީންކޮށް ދޭން ބޭނުން. އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް މިއަންނަ އަހަރު މާޗް ހިސާބުގައި އިތުރު އެއާލައިނެއް މެދު އިރުމައްޗާއި ޔޫރަޕް ގުޅޭ ގޮތަށް އައްޑު އަށް ދަތުރުތައް ފަށާނެ ވާހަކަ. އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އިތުރަށް ހުޅުވިގެން ދާނެ ދޮރެއް އަދި އައްޑޫގެ ރައްޔިތުންނަށް އުފާވެރި ހަބަރެއް."

ފިރާޤް ވިދާޅުވި ގޮތުގައި އައްޑޫއަށް އަންނަމުންދާ ބަދަލުތައް ވަރަށް ކައިރިން ފެނިވަޑައިގަންނަވާ ކަމަށާއި މީގެ 16 އަހަރު ކުރިން އައްޑޫ އޮތް ގޮތާއި މިހާރު އައްޑު އަށް އަންނަމުންދާ ބަދަލުތައް ފެނިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އިނަ މޯލްޑިވްސްގެ ފަރާތުން މިހާތަނަށް ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށާއި ވަކިން ޚާއްސަ ގޮތެއްގައި ޓޫރިޒަމް މިނިސްޓަރު ޒަމީރުގެ ފަރާތުން ބޮޑު އެހީތެރި ކަމެއް ލިބޭކަން ފިރާޤު ފާހަގަ ކުރެއްވި އެވެ.