އެމްޑީޕީގެ މެމްބަޝިޕް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ދާދި ފަހުން އެމްޑީޕީ އަށް ސޮއި ކުރެއްވި ޢަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިހް ހުސައިން ރަޝީދު ހަސަން އެހީތެރިވެ ދެއްވައިފި އެވެ.
ހިތަދު އަށް ނިސްބަތްވާ ޝެއިހް ހުސައިން ރަޝީދު ވަނީ އިއްޔެ އެމްޑީޕީ ސެކްރެޓޭރިއޭޓަށް 91 މެމްބަޝިޕް ފޯމް ހުށަހަޅުއްވާފަ އެވެ. މި ފޯމްތަކާ ސެކްރެޓޭރިއޭޓްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، ޗެއާޕަސަންގެ ނައިބު (އިދާރީ) އަލީ ޝިޔާމް އެވެ.
މި ހަފްތާގެ އާދިއްތަ ދުވަހުވެސް ޕާޓީގެ އޮފީހަށް ވަނީ 221 މެމްބަޝިޕް ފޯމު ލިބިފައެވެ. އެއީ ދ. ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުލް ރަހްމާން ހުށަހެޅި 120 ފޯމާއި، އެއަތޮޅު މީދޫ ދާއިރާގެ ރައީސް މުޙައްމަދު ޖައިޝް އިބްރާހިމް (ޖޭމޭ) ހުށަހެޅި 39 ފޯމާއި، ހއ. އިހަވަންދޫ، އަޙްމަދު ރަޝީދު ހުށަހެޅި 62 މެމްބަޝިޕް ފޯމެވެ.
މީގެއުތުރުން ހުސްވި ހަފްތާގައި ޕާޓީގެ އޮފީހަށް ވަނީ 199 ފޯމު ލިބިފައެވެ. އެއީ ހުޅުހެންވޭރު ދާއިރާގެ 98 ފޯމާއި، ހދ. ވައިކަރަދޫ މުޙައްމަދު ނާޒިމްގެ ފަރާތުން ލިބުނު 12 ފޯމާއި، ޅ. ކުރެންދޫ މުޙައްމަދު އާރިފް ހުށަހެޅި 38 ފޯމްގެ އިތުރުން ނ. ވެލިދޫ އިބްރާހިމް ފާއިޒް ހުށަހެޅި 51 މެމްބަރޝިޕް ފޯމެވެ.
ޝައިޙް ހުސައިން ރަޝީދް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، 16 ޖެނުއަރީގައި އެމްޑީޕީން ބޭއްވި ޚާއްސަ ޖަލްސާގައެވެ.
އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައި މިވަނީ، މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ޤައުމީ މަޖިލީހަށް ހުށަހެޅުއްވި ޤަރާރް ފާސްވުމާއި ގުޅިގެންނެވެ.
ޤައުމީ މަޖިލީހަށް ނާޒިމް ހުށަހެޅުއްވި ޤަރާރުގައި ވަނީ، ޕާޓީގެ 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 50 ފޯމާއި ( 3،850) ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރަކު 50 ފޯމް (1،500) ލިބޭނެ ގޮތަކަށް ޕާޓީގެ މައި އޮފީހުން އެ ދާއިރާގެ ކަމާއި ގުޅުން ހުރި ބޭފުޅުންނާ ގުޅައިގެން 3 މަސް ދުވަހުގެ ތެރޭގައި 5،850 ފޯމް ހުށަހެޅޭ ވަރަށް މަސައްކަތް ފެއްޓުމަށް ގޮވާލާ ކަމަށެވެ.