Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ގާސިމްގެ އިމާރާތެއްގައި ހަރުކޮށްފައި ހުރި ޕޯސްޓަރެއް ނަގަން އަންގައިފި

photo: mihaaru

ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުރި ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލައި އެމަނިކުފާނުގެ އަމިއްލަ އިމާރާތެއްގައި ހަރުކޮށްފައި ހުރި ޕޯސްޓަރެއް ނެގުމަށް ހައުސިންގ މިނިސްޓްރީ އިން އަންގައިފިއެވެ.

ހައުސިންގ ގެ އޮފިޝަލަކު ވިލާ ގްރޫޕުގެ އިސް ބޭފުޅުންނަށް ގުޅައި ޕޯސްޓަރު ނެގުމަށް އަންގާފައިވާ ކަމަށް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެފައިވެއެވެ.

ނަމަވެސް ނަމަވެސް ސަރުކާރުގެ އިމާރާތްތަކާއި އެހެން ތަންތަނުގައި ޕޯސްޓަރު ފަދަ ތަކެތި ހަރުކުރުމާ ބެހޭ ގަވާއިދުގައި، މީހެއްގެ އަމިއްލަ އިމާރާތުގައި އެއްޗެހި ހަރުކުރުން ނުވަތަ ތަތްކުރުން ހިމެނިފައިނުވާ ކަން ފާހަގަކުރައްވާފައިވެއެވެ.

އަދި އެ ގަވާއިދާއި ޚިލާފު ވުމުން އެކަން ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވަނީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި އެއީ ހައުސިންގ މިނިސްޓްރީއަށް ލިބިފައިވާ ބާރެއް ނޫން ކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ބޮޑު ފޮޓޯ ޖަހާފައި ތިބޭ ޕޯސްޓަރުތައް މާލޭގެ އެކި ދިމާލުގައި ހަރުކޮށްފައިވާއިރު ގާސިމްގެ އެންމެ ޕޯސްޓަރެއް ހަރުކުރުމުން ނެގުމަށް އަންގާފައިވާތީ ސަރުކާރުން ތަފާތުކުރުން ގެންގުޅޭ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.