Last Updated: June 26, 10:51
Friday, June 26, 2026
ޚަބަރު

ގާސިމަށް ކުރާ ދައުވާތަކުގެ އަޑު އެހުމެއް މާދަމާ އަށް ތާވަލުކޮށްފި

ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ތިން ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު މާދަމާގައި ދައުވާތަކުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ގާސިމްގެ ވަކީލުންނަށް މާދަމާ ހެނދުނު 11 އަށް ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ދެވަނަ އަޑުއެހުން ތާވަލްކޮށްފައިވާކަން އަންގައި ޗިޓު ފޮނުވާފައިވެއެވެ.

ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.

ނަމަވެސް ދައުވާތަކަށް ގާސިމް ވަނީ އިންކާރުކޮށްފައެވެ. އެއްވެސް މީހަކަށް ރިޝްވަތު ދިނުމަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އެފަދަ ކަމަކަށް ބާރުލިބޭ ހެއްކެއް ނުހޯދޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ. ނަމަވެސް ދައުލަތުގެ އެދުމުގެ މަތިން އެއަޑުއެހުން ކޯޓުން ވަނީ ސިއްރުކޮށްފައެވެ.