ގއ. ވިލިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ސައުދު ޙުސައިން އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާގައި ބައްދަލުކުރައްވައިފިއެވެ.
ސައުދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ނަޝީދު އާއި ބައްދަލުކުރައްވައި ޤައުމުގައި ހުރި މައްސަލަތަކާއި ރާއްޖޭގެ ސިޔާސީ މަސްރަޚާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ސައުދު އަކީ ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަން ދޫކުރައްވައި ރައީސް މައުމޫންގެ ފެކްޝަނާއި ގުޅިވަޑައިގެންފައިވާ މެންބަރެކެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމު އިސްލާހު ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅާއި ގުޅިވަޑައިގަތުމަށް ފަހު ސައުދު ވިދާޅުވެފައި ވަނީ މަޖިލީހުގައި ނަގާ ވޯޓުތަކުގައި ދެން އިސްކުރާނީ ރައްޔިތުންގެ އިހްސާސްތައް ކަމަށެވެ.