ކާރާ ބްރޫކިންސް އަކީ ހަތަރު ކުދިންގެ އެކަނިވެރި މަންމައެކެވެ. އޭނާގެ ފިރިމީހާގެ ފަރާތުން ލިބެމުން އައި ގެވެށި އަނިޔާއިން ސަލާމަތްވުމަށްޓަކައި އެކައިވެނި ދޫކޮށްލާފައި ބްރޫކިންސް އާއި އޭނާގެ ކުދިން ތިބީ ވަންނާނެ ގެދޮރެއް ނެތިފައެވެ.
ޓުޑޭ ހޯމް ނޫހަށް ދިން އިންޓަވިއުއެއްގައި ބްރޫކިންސް ބުނީ ކައިވެނި ރޫޅުނުއިރު، އޭނާއާއި އޭނާގެ ކުދިންގެ ހިނިތުންވުން ވަނީ ގެއްލިފައި ކަމަށެވެ. އެތައް އަހަރުތަކެއް ވަންދެން އެމީހުންނަށް ވަނީ އަނިޔާތައް ލިބިފައެވެ.
2007 ވަނަ އަހަރުގެ ތޭންކްސްގިވިން (ބިދޭސީ ޤައުމްތަކުގައި ފާހަގަ ކުރާ ދުވަހެއް) ހަފްތާބަންދުގައި، އޮޒާކް ފަރުބަދައިގައި ހުންނަ ކެބިން އަކަށް އޭނާގެ ކުދިން ގޮވައިގެން ދަނިކޮށް ބްރޫކިންސް އަށް ފެނުނީ ތޫފާނެއް އަރައި މުޅިން ހަލާކުކޮށްލާފައިވާ ގެއެކެވެ. އެގެއިން ސަލާމަތް ވެފައި ހުރީ ހަމައެކަނި ކުދިކުދި ވަކަރުކޮޅުތަކާއި މޮހޮރުތަކެވެ.
"އަހަރެން އެތަނަށް ހުއްޓާފައި އެ ގެ ބަލައިލަން ދިޔައިން. ފާރުތަކުގެ އެތެރެ ފެނޭ. އެވަގުތު އަހަރެން ހިތަށް އެރީ އަހަރެން އަސްލުކޮށްވެސް މަސައްކަތް ކޮށްފިއްޔާމު އެގެ އަލުން މަރާމާތު ކުރެވޭނެއޭ"، ބްރޫކިންސް ބުނެފައި ވެއެވެ. އެއަށްފަހު ޔޫޓިއުބް އިން ކުޑަ އެހީތެރިކަމެއް ހޯދައިގެން ބްރޫކިންސް އާއި އޭނާގެ އާއިލާ ކަންތައް ކުރީ ހަމަ އެހެނެވެ. އެމީހުން އެއްކޮށް ކުރި މަސައްކަތުން އެގެ އަލުން ބިނާ ކުރީއެވެ.
އެ ހަފްތާބަންދުގައި ބްރޫކިންސް އާއި އޭނާގެ ކުދިން ޚިޔާލުކުރަމުން ދިޔައީ އަމިއްލަ ގެއެއް އެޅުމާއި ބެހޭގޮތުންނެވެ. "ކުދިން މަސައްކަތުގައި ބައިވެރިވެ ކުދި ނޯޓްޕެޑްތަކުގައި ފްލޯ ޕްލޭންތައް ކުރަހަން ފެށި"، އޭނާ ބުންޏެވެ. އޭގެ މާގިނަ ދުވަސްތަކެއް ނުވަނީސް ގެ އެޅުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބްރޫކިންސް ކޮންސްޓްރަކްޝަން ލޯނެއް ނެގިއެވެ.
ފުލް ޓައިމް ވަޒީފާއެއް އަދާކުރަމުން ދިޔަ ބްރޫކިންސް ލޯނުގައި ބުނެފައިވާ ގޮތުން އެ ގެ އަޅައި ނިންމަން ޖެހެނީ އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައެވެ. "އަހަރެމެންނަށް އެނގުނު އެކަން އުނދަގޫވާނެކަން. އެކަމަކު ކިހާ އުނދަގުލެއް ވާނެކަމެއް ހިތަކަށްވެސް ނާރާ"، ބްރޫކިންސް ބުންޏެވެ.
ލޯނުން ލިބޭ ފައިސާއިން ގަނެވެނީ ހަމައެކަނި ގެ އަޅަން ބޭނުންވާ ސާމާނެވެ. އެހެންކަމުން ބްރޫކިންސް އާއި އޭނާގެ ކުދިން ޖެހުނީ ވީހާވެސް ޚަރަދު ކުޑަކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދާށެވެ. އޭގެ މާނައަކީ މަސައްކަތުގެ ބޮޑު ބައި ކުރަން ޖެހޭނީ އެމީހުން އަމިއްލައަށް ކަމެވެ. ކަންތައް ކުރަންވީ ގޮތް ހޯދުމަށްޓަކައި އެމީހުން ބެލީ ޔޫޓިއުބްގައި ހުންނަ ޓިއުޓޯރިއަލް ވީޑިއޯތަކެވެ.
"2008 ވަނަ އަހަރުގެ ޔޫޓިއުބް އެހާ ބޮޑަށް އިންތިޒާމްކޮށްފައި ނުވޭ. ގިނައިން ހުރީ ތަޖުރިބާ ނެތް މީހުންގެ ވީޑިއޯތައް"، އޭނާ ބުންޏެވެ. އެއިރު އާއިލާގެ އެއްވެސް މެމްބަރަކު އަތުގައި ސްމާޓްފޯން ނެތުމުން، އެމީހުންނަށް މަސައްކަތް ކުރާ ތަނުގައި ގޫގުލް ކުރެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން އެމީހުންނަށް ޖެހުނީ ރޭގަނޑު ވީޑިއޯތައް ބަލާފައި އެ ވީޑިއޯތައް ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ.
ބްރޫކިންސް ބުނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އެންމެ އުނދަގޫވީ ފައުންޑޭޝަން އަޅަން ކަމަށެވެ.
"އެއިރު އަހަރެމެން ވަރަށް ވަރުދެރަ. ކިސަޑުތަކު ތެރެއިން ބޮޑެތި ގާތައް އުފުއްލަން ޖެހުނު. މަސައްކަތް ކުރާއިރު އަރައިގެން ހުންނަ ކަހަލަ ބޫޓުތަކެއްވެސް އަހަރެމެން އަތުގައި ނެތް. އެހެންކަމުން ޖެހުނީ ބާ ޓެނިސް ބޫޓްތަކުގެ މަތިން ޕްލާސްޓިކް ކޮތަޅު ލައްވައިގެން އުޅެން. އަހަރެމެން ތިބީ އެއްވެސް ވަރަކަށް އެކަމަށްޓަކައި ތައްޔާރުވެފައެއް ނޫން"، ބްރޫކިންސް ބުންޏެވެ.
އެހެންނަމަވެސް އެމީހުން އެކުގައި މަސައްކަތް ކުރަން ފެށުމުން އާދަޔާއި ޚިލާފު ކަމެއް ވިއެވެ. "އަހަރެމެން ގައިގައި މަސްޖަހައި، އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެގެން ދިޔަ. އަނެއްކާވެސް ހޭން ދަސްވި. އެކަކު އަނެކަކާއި ވާހަކަ ދައްކަން ދަސްވި"، އޭނާ އިތުރަށް ބުނެފައި ވެއެވެ.
ބްރޫކިންސް ބުނީ ފައުންޑޭޝަން ނިމުނުއިރު، އަނގައިން ބަސް ނުބުންޏަސް ބުނަން ބޭނުންވާ ވާހަކަ އަނެކާއާއި ހަމައަށް ފޯރުވޭ ވަރަށް އެމީހުންގެ ގުޅުން އޮތީ ބަދަހިވެފައި ކަމަށެވެ.
ޝައްކެވެސް ނެތް ގޮތުގައި ގޭގެ ހުރިހާ މަސައްކަތެއް ނިންމީ އާއިލާއިން އެކަންޏެއް ނޫނެވެ. ގޭގެ ކަރަންޓު މަސައްކަތާއި، އެޗްވީއޭސީ (ހީޓިން ވެންޓިލޭޝަން އެއާ ކޮންޑިޝަނިން) މަސައްކަތް ކުރީ އެކަމުގެ ލައިސެންސް އޮންނަ މާހިރެކެވެ. އަދި އެމީހުންގެ އެކުވެރި ފަޔާފައިޓާއެއްވެސް ގަޑިއަކު 25 ޑޮލަރު ޗާޖު ކުރާ އުސޫލުން އެމީހުންނަށް ބައެއް ކަންކަމުގައި އެހީތެރިވެދިނެވެ.
3،500 އަކަފޫޓްގެ އެ ގޭގައި ފަސް ކޮޓަރިއާއި 2 ½ ފާޚާނާ އާއި ތިން ކާރުގެ ޖާގައިގެ ގަރާޖެއް ހުރެއެވެ. އެ ގެއަށް އާއިލާއިން ދީފައިވާ ނަމަކީ "އިންކްވެލް މޭނާ" އެވެ.
ބްރޫކިންސް ބުނި ގޮތުގައި ވީހާވެސް ވަރުގަދަކޮށް ގޭގެ ހުރިހާ މަސައްކަތެއް ކުރަން އެމީހުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި ތިމާވެއްޓާއި ރައްޓެހިކޮށް ގޭގެ ކަންތައްތައް ނިންމޭތޯވެސް އެމީހުން މަސައްކަތް ކުރިއެވެ. ބްރޫކިންސް ބުނީ އޭނާގެ އަމާޒަކަށް ވީ ދިރިއުޅެން ވީހާވެސް ޚަރަދު ކުޑަ ގެއެއް އެޅުން ކަމަށެވެ.
އޭނާ ބުނީ މުޅިން ގެއިން އޭނާ އެންމެ ގަޔާވާ ކޮޓަރި އަކީ ލައިބްރަރީ ކަމަށެވެ. އެ ލައިބްރަރީ ގައި ބިމުން ފެށިގެން ސީލިން އާއި ހަމައަށް ފޮތްތައް ހުރެއެވެ. އެ ގެ ޑިޒައިން ކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ޑެކާ ސްޓައިލް އާއި އެއްގޮތަށެވެ.
އިތުރަށް ވާހަކަ ދައްކަމުން ބްރޫކިންސް ބުނީ މުޅި ތަޖުރިބާ ކިތަންމެ އުނދަގޫވި ކަމުގައިވިޔަސް، އެއީ ހަމަ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
"އަހަންނަށް އަބަދުވެސް އިވޭ އަޑެއް "އެނދުން ތެދުވޭ، ކޮފީ ތަށްޓެއް ހަދާ". އަހަރެންގެ އަމާޒަކީ ހަމައެކަނި އެނދުން ތެދުވުން ކަމުގައި ވާނަމަ ދުވަހަކުވެސް ލަނޑުދަނޑި ހާސިލެއް ނުކުރެވޭނެ"، އޭނާ ބުނެއެވެ.
ދަތި އުނދަގޫ ހާލަތްތަކުގައި އުޅޭ މީހުން ކައިރީ ބްރޫކިންސް ބުނަން ބޭނުންވަނީ އަބަދުވެސް ހީނުކުރާހާ ބޮޑެތި ލަނޑުދަނޑިތައް ސެޓް ކޮށްފައި ބޮޑު މަންޒަރު ބަލަން މަސައްކަތް ކުރާށެވެ.
ބްރޫކިންސް ވަނީ އޭނާގެ ތަޖުރިބާ އާއި ބެހޭގޮތުން ފޮތެއްވެސް ލިޔެފައެވެ. ޖެނުއަރީ 24 ވަނަ ދުވަހު ބާޒާރަށް ނިކުތް އެފޮތުގެ ނަމަކީ "ރައިޒް: ހައު އަ ހައުސް ބިލްޓް އަ ފެމިލި" އެވެ.