ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު ރަހުމް ކުޑަގޮތަކަށް ރޭ މަރާލާފައިއޮތްވާ ފެނުނު މައްސަލަ ރާއްޖޭގެ ކުރީގެ ތިން ރައީސުން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން ރަޝީދަަށް އިންސާފު ހޯދައިދެވޭނީ މިނިވަން، އަދި ބައިނަލްއަޤްގާމީ ފަރާތްތަކުން ބައިވެރިވާ ތަހުގީގަކުން ކަމަށާއި އެއީ ޔާމީނަކީ ޖެހިލުމެއް ނެތި ހައްގުބަސް ބުނާ އަޑެއް ކަމަށެވެ.
ޕީޕީއެމްގެ އިންތިހާބީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ، ޔާމީން މަރާލި ހަބަރު އަޑުއެއްސެވީ ކުއްލި ސިހުމާއި އެކު ކަމަށާއި، އޭނާގެ ގާތިލުންގެ ކިބައިން އިންސާފު ލިބެން ޖެހޭ ކަމަށެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަނިޔާވެރިގޮތަކަށް ޔާމީން މަރާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އިންސާފުވެރި މިނިވަން ތަހުގީގެއް ކުރަން ޖެހޭ ކަމަށެވެ.
ޔާމީން މަރާލާފައި އޮތްވާ ފެނިފައިވަނީ ރޭ ދަންވަރު 2.59 ހާއިރު މާފަންނު ބިސްބުރު ސަރަހައްދުގައި ހުރި ގެއެއްގެ ސިޑި ގޮޅިންނެވެ.
އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފުލުހުންނެވެ. ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.