ސ. ފޭދޫގެ ފިހާރައެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގައި އޭނާ އަށް ވަޅިން ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލަ އާ ގުޅިގެން ޕީޖީ އޮފީހަށް ދައުވާކުރުމަށްޓަކައި ފޮނުވާފައި ވަނީ ސ. ފޭދޫ ޗާންދަނީމާގެ، މުޙައްމަދު މާހިން އަޙްމަދު، 24، އާއި ފޭދޫ ކޯޒީކޯނާ މުޙައްމަދު މަހްފޫޒް، 24، ގެ މައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕީޖީ އަށް ފޮނުވާފައި ވަނީ ޖެނުއަރީ މަހު 15 ވަނަ ދުވަހުގެ 15:38 އެހާކަށްހާ އިރު ފޭދޫ ވިންސަމް ފިހާރައިގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކު އެ ފިހާރަތެރޭގައި ހުއްޓައި އެ ދެ މީހުންނަށް ދޭން ޖެހޭ ލާރިތަކެއް ނުދީގެން ކަމަށް ބުނެ އޭނާ ގައިގައި ތަޅައި މާރާމާރީ ހިންގައި ވަޅިން ހަމަލާ ދޭން އުޅުނު މައްސަލަ އާ ގުޅިގެންނެވެ.
މި މައްސަލަ ތަހުގީގުކޮށް މި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މި މި މަހުގެ 5 ވަނަ ދުވަހު އެވެ.