ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު ރަހުމް ކުޑަ ގޮތަކަށް ރޭ މަރާލާފައިވާ އިރު އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާފައިވާކަން އެނގިއްޖެ އެވެ.
މޯލްޑިވްސް ސޮޓޮކް އެކްސްޗޭންޖްގައި ވަޒީފާ އަދާކުރަމުން ދިޔަ ޔާމީން ރޭ ވަރަށް ދަންވަންދެން އޮފީހުގެ މަސައްކަތުގައި ހުރިކަމަށް އޭނާގެ އެކުވެރިން ބުނެ އެވެ.
ފުލުހުން ބުނީ ޔާމީނަށް ހަމަލާ ދިން ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ ދަންވަރު 2:59 ހާއިރު ކަމަށެވެ. އޭނާ ހޮސްޕިޓަލަސް ގެންދިޔައީ ފުލުހުންނެވެ.
ޔާމީން ރަޝީދަކީ ބްލޮގަރެއްގެ އިތުރުން ދީނީ ހައްދު ފަހަނައަޅާ ދިޔުމާއި ސިޔާސީ އެކި ކަންކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުން އަންނަ ޒުވާނެކެވެ. އޭނާއަށް އެކި ފަހަރުމަތިން މަރުގެ އިންޒާރު ލިބިފައިވާކަން ސޯޝަލް މީޑިއާގައި އޭނާ ވަނީ ހިއްސާކޮށްފައެވެ.
ޔާމީނަކީ ވީނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ ގާތްއެކުވެރިއެކެވެ.
ރަހުމްކުޑަގޮތަކަށް ޔާމީން މަރާލުމާއި ގުޅިގެން މިނިވަން އިންސާފުވެރި ޝަރީއަތެއް ބައިނަލް އަގްވާމީ ފަރާތްތައް ހިމަނައިގެން ކުރިއަށް ގެންދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލާފައެވެ.