Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އިމްރާންގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ

ޓެރަރިޒަމްގެ ދައުވާ އުފުލައި ޝެއިޚް އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

މޭޑޭ މުޒާހަރާގައި ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އުފުލައި އިމްރާންގެ މައްޗަށް މައްސަލަ ސާބިތުވެ 12 އަހަރަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގައެވެ.

ހައިކޯޓުން ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ރިއާޔަތްކޮށް އިސްތިއުނާފްގެ މައްސަލަ މިއަދު ނިންމާފައިވަނީ އިމްރާންގެ ފަރާތުން ހުށައެޅި ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް އިމްރާންގެ ގާނޫނީ ޓީމުން މައުލޫމާތު ދީފައިވެއެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް، އަލީ ޒާހިރު ވިދާޅުވެފައިވަނީ ހައިކޯޓުން މައްސަލަ ބަލާފައި އިމްރާނާއި އެއްކޮޅަށް މައްސަލަ ނިމޭނެ ކަމަށް ކުރިންވެސް އުއްމީދު ނުކުރައްވާ ކަމަށެވެ. އަދި މިހާހިސާބުން މައްސަލަ ނިންމާނުލާނެ ކަމަށާއި ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައިވެސް އިސްތިއުނާފް ކުރާނެ ކަމަށް އަލީ ވިދާޅުވިއެވެ.

ޖަލު މަރާމަތު ކުރަމުންދާތީ އިމްރާން ގޭބަންދަށް ބަދަލުކޮށްފައެވެ.