ރަހުމް ކުޑަ ގޮތަކަށް ރޭ މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަ ޔާމީން ރަޝީދުގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިޔާ އަށް ލިބުނު އުނި ކަމެއް ކަމަށާއި މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި މިނިވަން މީޑިއާދިން ހަމަލާއެއް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ޔާމީން ރަޝީދު މަރާލުމާއި ގުޅިގެން ސަރުކާރުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ މަރުގެ ހަބަރު ރައީސް ލިބިވަޑައިގަތީ، ކުއްލި ސިހުމަކާއި ހިތާމައާއި އެކު ކަމަށެވެ. އަދި މި އަމަލަކީ އަނިޔާވެރިކަމާއި، ރަޙުމްކުޑަކަމުގެ ދަށު ދަރައިޖައިގެ އަމަލެއް ކަމަށާއި މިއަމަލު، އެންމެ ހަރުކަށި އިބާރާތުން، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި، ދިވެހި ސަރުކާރުގެ ނަމުގައި ކުށްވެރި ކުރާ ކަމަށެވެ.
އަދި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ މި އަނިޔާވެރި ޖަރީމާގެ ހަގީގަތް ހޯދުމަށް ދައުލަތުގެ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެކަމަށެވެ.
ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައިވާ އިރު ފުލުހުންވެސް ވަނީ މި ހާދިސާ އާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
ސ. ފޭދޫއަށް އުފަން އުމުރުން އެންމެ 29 އަހަރުގެ ޔާމީނަކީ ވީ ނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ ރިލްވާންގެ އެންމެ ގާތް އެއް އެކުވެރިޔާއެވެ. އޭނާ ރޭ މަރާލާފައިވަނީ އެކިފަހަރު މަތިން މަރުގެ އިންޒާރު ލިބުމަށްފަހުއެވެ.
ޔާމީން މަރުވެފައި އޮތްވާ ފެނުނު އިރު އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ތޫނުއެއްޗަކުން ވަނީ ހަމަލާދީފައެވެ.