Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ޝެއިހް އިމްރާން އަލުން ޖަލަށް ގެންދަނީ

އިމްރާން ޖަލަށް ބަދަލު ކުރުމަށް ޑީޕީއަރްއެސްގެ މުވައްޒަފުންނާއި ފުލުހުން އިމްރާން ދިރިއުޅުއްވާ ގޭގެ ކައިރީ. ފޮޓޯ: ސޯޝަލް މީޑއާ

ޓެރަރިޒަމް ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ގޭ ބަންދުން ޖަލަށް ބަދަލުކުރުމަށް ޑީޕީއާރްއެސްއިން އެގެއަށް ގޮސްފިއެވެ.

ޖަލު މަރާމާތަކަށް އިމްރާން ގޭ ބަންދުގައި ހުންނަތާ ދުވަސްތަކެއް ވެފައިވާ އިރު އެމަނިކުފާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެން 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ވަނީ ތާއިދުކޮށްފައެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތުކޮށެވެ. އިމްރާންގެ މައްޗަށް މައްސަލަ ސާބިތުވެ 12 އަހަރަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގައެވެ.

އިމްރާން މިރޭ ޖަލަށް އަލުން ބަދަލު ކުރާއިރު އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މިހާރު ފަށާފައިވާ މަސައްކަތުގައި އަދާލަތު ޕާޓީން ބައިވެރިވާ އިރު އެޕާޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޝެއިހް އިމްރާންއެވެ.