ސްޕެނިޝް ލީގުގައި ރިއަލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-2 އިން ބާސާ ކާމިޔާބުކޮށް ތަށި ހޯދުމުގެ ރޭހަށް އެނބުރި ވަދެއްޖެއެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރިއަލްއިންނެވެ. ކޯނަރަކުން ކެޕްޓަން ރާމޮސް ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ކުޅުމުގެ ތެރެއަށް ވަނުމުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައިވަނީ ކަސެމީރޯއެވެ.
ކަސެމީރޯ 28 ވަނަ މިނެޓުގައި ޖެހި ގޯލު މެސީ އެއްވަރުކޮށްފައިވަނީ 33 ވަނަ މިނެޓުގައި ރެއަލްގެ ޑިފެންސް ލައިނު ފޫއަޅުވާލާފައި ޖެހި ގޯލަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-1 އިން ނަތީޖާ އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ރެއަލްއިން ހަމަލާތައް އުފައްދަމުން ދިޔަނަމަވެސް ބާސާ ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. 73 ވަނަ މިނެޓުގައި އިވާން ރަކިޓިޗް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ރެއަލްގެ ކީޕަރު ނަވާސްއަށް މަތަކުރެވޭނެ ގޮތެއް ނުވިއެވެ.
މެޗުގެ 77 ވަނަ މިނެޓުގައި މެސީ އަށް ކުރި ފައުލަކާއި ގުޅިގެން ރެއަލްގެ ކެޕްޓަން ސާޖިއޯ ރާމޮސްއަށް ރެފްރީވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. 10 ކުޅުންތެރިންނާއެކު މެޗުގައި ބާކީއޮތް 15 މިނެޓު ކުޅެން ޖެހުމުން ޒިދާން ވަނީ ހަމޭސް ރޮޑްރިގޭޒް ކުޅެން ނެރެފައެވެ.
ހަމޭސް ވަނީ އޭނާ ކުޅެން ނެރުނުތަނާ މާގިނަ އިރުތަކެއް ނުވަނީސް ލިބުނު ފުރަތަމަ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ އެއްވަރުކޮށްފައެވެ. 86 ވަނަ މިނެޓުގައި ނަތީޖާ އަނެއްކާވެސް އެއްވަރުވުމާއެކު ރެއަލް ކުޅުންތެރިން ތިބީ މެޗުން ޕޮއިންޓެއް ހޯދައިގެން ނިންމާލާށެވެ.
ނަމަވެސް އިތުރުވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި ބާސާގެ ސާޖިއޯ ރޮބާޓޯވަނީ ޑިފެންސް ލައިނުން ބޯޅަ ހިފައިގެން ރެއަލް ޕެނަލްޓީ އޭރިއާ ހިސާބަށް ގޮސްފައެވެ. މެސީއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ހުށިޔާރުކަމާއެކު ގޯލުގެ ކަނަށް ފޮނުވާލައިގެން ބާސާއަށް މެޗުގެ ތިން ޕޮއިންޓު ހޯދާދީފައެވެ.
މެސީގެ ބާސާ ކެރިއަރުގައި އޭނާ ޖެހި 500 ވަނަ ލަނޑާއެކު ބާސާ ވަނީ ރެއަލްއާއެކު ލީގު ހޯދުމުގެ ރޭހަށް އެނބުރި ވަދެފައެވެ.