1. ބޭކިން ސޯޑާ

ބޭކިން ސޯޑާ އަކީ އަލްކަލައިން އެއްޗެކެވެ. އެހެންކަމުން އެއީ އަތާއި ފައިން ދާހިއްލުމަށް އޮތް ވަރަށް ރަނގަޅު ފަރުވާއެކެވެ. ދެތިން މޭޒުމަތީ ސަމުސާ ބޭކިން ސޯޑާ ތާފަނާފެނާއި އެއްކޮށްލުމަށްފަހު، އެ އަތް ނުވަތަ ފައި އެ ފެނުގެ ތެރެއަށް 20-30 މިނެޓް ވަންދެން ލާށެވެ. އެގޮތަށް ކަންތައް ކުރާއިރު އިތުރަށް ސޯޑާ ޕައުޑަރު އެޅުމަށްފަހު ފައި ނުވަތަ އަތުގައި ރަނގަޅަށް ހާކާށެވެ. އެއަށްފަހު ހިއްކާލާށެވެ.
2. ފިނިފެންމާ ފެން (ރޯސް ވޯޓާ)

ޤުދުރަތީ ފިނިފެން ކޮންމެ ފިހާރައަކުން ވެސް ލިބެން ހުންނާނެ އެވެ. ގަންނަން ބޭނުން ނޫން ނަމަ، ގޭގައިވެސް ތައްޔާރުކޮށްލެވިދާނެ އެވެ. އެގޮތުން ފިނިފެންމަލުގެ ފިޔަތައް ފެނުގައި ކެއްކުމަށްފަހު ފެނާއި ފިޔަތައް ވަކިކޮށްލާށެވެ. އެއަށްފަހު އެ ފެން ބޭނުން ކުރާށެވެ. އެ ފެނުގެ ތެރޭގައި ކަފަބުރެއް ފޯކޮށްލުމަށްފަހު ފައިތިލައިގައި ނުވަތަ އަތްތިލައިގައި މަޑުމަޑުން ހާކާށެވެ. މިއީ ހަންގަނޑަށް ފިނިކަން ގެނެސްދޭ ކަމެކެވެ.
3. އައިސްފެން

އަތް ނުވަތަ ފައި އައިސް ފެނުގެ ތެރެއަށް ކޮންމެ ދުވަހަކުވެސް 15-20 މިނެޓަށް ލާށެވެ. މިއީ އަތާއި ފައިން ދާހިއްލުމުގެ މައްސަލަ ވަރަށް ބޮޑަށް ރަނގަޅު ކޮށްދޭނެ ކަމެކެވެ.
4. ކޯންސްޓާޗް ނުވަތަ ފުށް

މި ދެ އެއްޗަކީވެސް ހަންގަނޑު ހިއްކާލަދޭ އެއްޗެހި އެވެ. ފައި ނުވަތަ އަތުގައި ކޯންސްޓާޗް ނުވަތަ ފުށް ހާކާށެވެ. ފުށް ބޭނުންކުރާއިރު، ވީހާވެސް ވަސް މަޑު އެއްޗެއް ބޭނުން ކުރަން މަސައްކަތް ކުރާށެވެ.
5. ލުނބޯ

އަތާއި ފައިން ދާހިއްލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ލުނބޯ ދެ ގޮތަކަށް ބޭނުން ކުރެވިދާނެ އެވެ.
- ލުނބޯ އަދި އޮރެންޖުގެ ތޮށިތައް ހިއްކާށެވެ. އެއަށްފަހު އެ ތޮށިތައް މުގުރުމަށްފަހު ޕައުޑަރަކަށް ހަދާށެވެ. އަދި އެ ޕައުޑަރު އަތާއި ފައިގައި ހާކާށެވެ. އެ ޕައުޑަރު ރައްކާކުރަން ޖެހޭނީ ވައިބަންދުވާ އެއްޗެއްގަ އެވެ.
- ލުނބޯ ހުތާއި ލޮނު އެއްކޮށްލައިގެން އަތުގައި ހާކާށެވެ. ހިކެންދެން އެގޮތަށް ޢަމަލު ކުރުމަށްފަހު ދެން ދޮވެލާށެވެ.
6. ސައިފަތް ޕެކެޓް

މިއީ އެންޓިޕާސްޕިރެންޓް މާއްދާތައް އެކުލެވިގެންވާ އެއްޗަކަށް ވުމުން، ކޮންމެ ދުވަހަކުވެސް އިރުކޮޅަކަށް ތެތް ސައިފަތް ޕެކެޓް ދާހިއްލާފައިވާ އަތުތެރޭގައި ހިފަހައްޓާށެވެ. މީގެ އިތުރުންވެސް ތެތް ސައިފަތް ޕެކެޓް ބޭނުންކޮށްގެން ދާހިއްލާފައިވާ އަތާއި ފައި ހިއްކާލެވިދާނެ އެވެ. އެހެންނޫންނަމަ، 3-4 ސައިފަތް ޕެކެޓް ހޫނު ފެނުގައި ކެއްކުމަށްފަހު، ކޮންމެ ދުވަހަކުވެސް 30 މިނެޓަށް ފައި ނުވަތަ އަތް އެ ފެނުގެ ތެރެއަށް ލާށެވެ.
7. އެޕަލް ސިޑާ ވިނެގާ

އެޕަލް ސިޑާ ވިނެގާ ފަޔާއި އަތުގައި ހޭކުމަށްފަހު ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ފެނުން ދޮވެލާށެވެ. މިގޮތަށް ކަންތައް ކުރުމުން ހަންގަނޑުގައި ހުންނަ ބާތައް ބަންދުވެ، ދާހިއްލުން ހުއްޓިގެން ދެއެވެ. ކޮންމެ ދުވަހަކުވެސް މިގޮތަށް ކަންތައް ކުރާށެވެ.
8. ހުވަނދު ކެލާ ޕައުޑަރު

ހުވަނދު ކެލާ ޕޭސްޓަކީ ނިއްކުރި ފިނި ކުރުމަށްޓަކައި ގިނަ ބަޔަކު ނިއްކުރީގައި ހާކާ އެއްޗެކެވެ. ހުވަނދު ކެލާ އާއި ފެނާއި ލުނބޯ ހުތް ނުވަތަ ފިނިފެންމާ ފެން އެއްކޮށްލުމަށްފަހު، ދާހިއްލާ ތަންތަނުގައި ހާކާށެވެ. ހިކެންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.
9. ޓޮމާޓޯ ޖޫސް

ޓޮމާޓޯ ޖޫހަކީ ހަށިގަނޑަކަށް ފިނިކަން ގެނެސްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު ޓޮމާޓޯ ޖޫސް ބޯށެވެ. އެހެންނޫނީ ޓޮމާޓޯ ޖޫހުގެ ތެރެއަށް އަތް ލާށެވެ. ޓޮމާޓޯ ޖޫހަކީ ސޯޑިއަމް އެކުލެވިގެންވާ އެއްޗެކެވެ. ސޯޑިއަމް އަކީ އަތްތިލައާއި ފައިތިލައިން ދާހިއްލުން ހުއްޓުވައިދޭ މާއްދާއެކެވެ.
10. އަލުވި

އަލުވި ފޮތިކޮށް ކޮށާފައި އަލުވި ފޮތިތައް ފަޔާއި އަތުގައި ހާކާށެވެ. އަލުވީގެ ދިޔަ އިރުކޮޅެއް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.