ހުޅުމާލޭ ކޯޓުން ކުރިއަށް ގެންދާ ޝަރީއަތަކާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާދަމާ ހަވީރު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ހުޅުމާލޭ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ހުޅުމާލެ ކޯޓުން އަމުރު ނެރުމާ ގުޅިގެން އެ އަމުރު ތަންފީޒު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއަޒްގެ އެހީތެރި ކަމަށް ފުލުހުން އެދިއްޖެ އެވެ.
ފޮރިން މިނިސްޓްރީގެ އެހީތެރި ކަމަށް ފުލުހުން އެދިފައި ވަނީ ކުރީގެ ރައީސް ނަޝީދު މި ވަގުތު ހުންނެވީ އިންޑިއަން ހައި ކޮމިޝަންގައި ކަމަށްވާތީ ކޯޓް އަމުރު ތަންފީޒު ކުރުމަށްޓަކައި މިނިސްޓްރީން އިންޑިއަން ހައި ކޮމިޝަނާ ދެމެދު ވާހަކަ ދެކެވި މި ކަމަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ ކަމަށް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު "ނިޒާމުން ގެއްލުވާލި" މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ނަޝީދުގެ މައްޗަށް ކުރައްވާ ދައުވާގެ ޝަރީއަތަށް ހާޒިރު ވާން ޖެހެނީ މާދަމާ ހަވީރު 4:00 ޖަހާ އިރު އެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ނަޝީދު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރު ނަޝީދު ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާފައި ވާތީ މާދަމާ ހައި ކޯޓަށް ވަޑައިގަތުމަށް ފޮރިން މިނިސްޓްރީ އަށް ޗިޓް ފޮނުވުމުން އެ ޗިޓް އިންޑިއަން ހައިކޮމިޝަނަށް މިއަދު ފޮނުވާފަ އެވެ.