Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ފާރިސް ފުލުހަށް ހާޒިރު ކުރީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރ އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ހެނދުނު އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 10 ޖެހި އިރުއެވެ.

ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ މިއަދު އޭނަ ހާޒިރުކުރީ މާޗު މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވާ ރިޝްވަތުދެއްވި ކަމަށްބުނާ މައްސަލައެއްގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ފާރިސް ވިދާޅުވީ އެފަދަ ތުހުމަތުތައް ދޮގު ކުރައްވާ ކަމަށާއި ގާނޫނާއި ގަވާއިދާއި ހިލާފް އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ތުހުމަތެއް ކޮށް ތަހްގީގު ހިންގަނީ ގާނޫނީ އިމުގެތެރެއިން ކަމަށް ގަބޫލް ނުކުރައްވާކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސްގެ މައްސަލައެއްވަނީ ދައުވާ ކުރުމަށް އެދި ޕީޖީއަށް ފޮނުވާފައެވެ. އެއީ ދައުލަތުން ކޮށްފައިވާ ހަރަދެއް އަނބުރާ ނުދައްކާ ވާކަމަށް އޭސީސީން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.