ފިސްތޯލައެއް ގެންގުޅު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 10 އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން މިއަދު ތާއިދު ކޮށްފިއެވެ.
ފިސްތޯލަ ގެންގުޅުނު މައްސަލާގައި އަދީބަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޖޫން 5 ވަނަ ދުވަހުއެވެ. އަދީބްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ އަހަރުހެ ޖޫން 20 ވަނަ ދުވަހުއެވެ.
މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ދަށު ކޯޓުން އިއްވި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ނިންމާފައިވެއެވެ.
ދައުވާގައި ބުނާ ދެވަނަ ދުވަހު އަދީބް ފިސްތޯލަ ގެންގުޅުނު ކަމަށް ކަމަށް ދައުލަތުން ހުށައެޅި ދެހެކިން ހެކިބަހުން އެނގިފައިވާ ކަމަށް ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވެއެވެ. އަދި ހެކިންގެ ހެކިބަސް ބަލައިގަތުމުގައި ދަށު ކޯޓުން ގާނޫނާއި ޚިލާފު ކަމެއް ކޮށްފައިވާކަން އެނގޭކަށް ނެތް ކަމަށްވެސް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.
އަދީބުގެ ވަކީލުން ޝަރީއަތުގައި ބުނެފައިވަނީ އެހުކުމަކީ ބަޔަކު ދެއްކި ވާހަކައެއްގެ މައްޗަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެހެންކަމުން އެއީ "މުތުލަގު މަސްއޫލިއްޔަތު" އުފުލަން ޖެހޭ ކުށްތަކުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށް އަދީބުގެ ވަކީލުން ކޯޓުގައި ބުނެފައިވެ އެވެ.
އަދީބުގެ މައްޗަށް ކުރި ހުކުމް މިއަދު ހައިކޯޓުގައި އަދީބާއި ދެކޮޅަށް ނިމިފައިވާއިރު އޭނާ ވަނީ ކުރިން ހުކުމް ތިބެނީ ކުރިން ލިޔެފައި ކަމަށާއި މިއީ ޖޯކެއް ކަމަށްބުނެ ފަނޑިޔާރުގެއަށް ފާޑުކިޔާފައެވެ.