Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

ޔާމީންގެ މަރަށް އެއް ދުވަސް، ފުލުހުން ބަޔާނެއް ނެރެނީ

މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ޒުވާން ބްލޮގަ ޔާމީން ރަޝީދު ރަހުމް ކުޑަގޮތަކަށް މަރާލިތާ އެއް ދުވަސްވީ އިރު މި ހާދިސާއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނައި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަ ނުކުރި ނަމަވެސް ވަރަށް އަވަހަށް އެ ހާދިސާއާ ގުޅޭ ބަޔާނެއް ނެރޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހްގީގު ކުރަމުންދާ މައްސަލަ އަކަށްވާތީ ޔާމީންގެ މަރާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް އަދި ބުނެވެން ނެތް ކަމަށެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން މަރާލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން މިގޮތަށް ބުނެފައިވާ އިރު ހޯމް މިނިސްޓަރ އަހްމަދު އަޒްލީން މިއަދު ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލައިގެ ތަހްގީގަށް ބޭރުގެ އެހީ ހޯދަން ޖެހުނަސް އެކަން ސަރުކާރުން ކުރާނެކަމަށެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި މަސައްކަތް ކުރަމުން ދިޔަ ސ.ފޭދޫ ޗަނބޭލީގެ ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ ވަރަށް ރަހުމް ކުޑަ ގޮތަކަށެވެ.