Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ޔާމީންގެ ތަހުގީގުގެ ދެ ފުށް ފެންނަން ޖެހޭނެ: ޓްރާންސްޕޭރެންސީ

ބްލޮގަރު އަދި ސޯޝަލް އެކްޓިވިސްޓް ޔާމީން ރަޝީދު ހޮނިހިރު ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް މަރާލުމާއި ގުޅިގެން ސަރުކާރުން ދެފުށްފެންނަ މިނިވަން ތަހުގީގެއް ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.

ޓީއެމްއިން ވަނީ ސަރުކާރުން ޔާމީންގެ ތަހުގީގު ފުރިހަމައަށް ކޮށް، ލާއިންސާނީ އަމަލު ހިންގި މުޖުރިމުން ހޯދުމަށް ބޭރުގެ ފަރާތްތަކުން ދިވެހި ސަރުކާރަށް ޕްރެޝަރު ކުރުމަށް ގޮވާލާފައެވެ.

"ޔާމީންގެ މަރުގެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ދިވެހި ސަރުކާރުން ކުރުމަށް ބޭރުގެ ފަރާތްތަކުން ދިވެހި ސަރުކާރަށް ޕްރެޝަރު ކުރަން ޖެހޭ. ދިވެހި ރާއްޖޭގައި ފާޑުކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލަނީ މާގިނައިން. މިއީ ހުއްޓުވަންޖެހޭ ކަމެއް. ސަރުކާރުން ފާޑުކިޔާ މީހުން ހިމާޔަތް ކުރަންޖެހޭ."

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ޗެއާ، ހޯސޭ އުގާޒް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ. އުގާޒް ވަނީ މިދަނޑިވަޅުގައި ޔާމީންގެ އާއިލާއަށް ތައުޒިޔާ ފޮނުވައި ކެތްތެރިވުމަށް ގޮވާލާފައެވެ.

އަދި އިންސާނީ ހައްގުތަކާއި ދީނީގޮތުން ހައްދުފަހަނަޅާފައިވާ ފިކުރާއި ދެކޮޅަށް ޔާމީން ކުރި މަސައްކަތް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޔާމީން މަރާލާފައިވަނީ ތަކުރާރުކޮށް މަރުގެ އިންޒާރު އޭނާއަށް ފޮނުވައި، އެމައްސަލަ ފުލުހުންގެ މައުލޫމާތަށް ގެނެސްފައިވަނިކޮށް ކަމަށާއި ނަމަވެސް ފުލުހުންގެ ފަރާތުން އެމައްސަލަ ބަލައި ޔާމީނަށް ޖަވާބުދާރީވެފައިނުވާ ކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު، ޑރ. އަފްރާޝީމް އަލީ އަނިޔާވެރިކޮށް މަރާލައި، އަދި ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގު އެދެވޭ ގޮތެއްގައި ގޮސްފައިނުވާތީ ޔާމީންގެ މަރުގެ ހަގީގަތް ހޯދުމަށް ސަރުކާރުން ފުރިހަމައަށް ތަހުގީގީ މަރުހަލާ ކުރިއަށް ދާތޯ ބެލުމަށާއި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ޓްރާންސްޕޭރެންސީއިން ގޮވާލާފައިވެއެވެ.