Last Updated: June 11, 22:21
Thursday, June 11, 2026
މުނިފޫހިފިލުވުން

"ޔެ ޖަވާނީ ހޭ ދީވާނީ" ގެ ޕޯސްޓަރު ލޯންޗްކޮށްފި

ރަންބީރު ކަޕޫރާއި ދީޕިކާ ޕަދްކޯން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، އެ ގުޅުން ނިމުމަކަށް އައި ފަހުން ދެ ތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމް "ޔޭ ޖަވާނީ ހޭ ދީވާނީ" ގެ ޕޯސްޓަރު ލޯންޗްކޮށްފި އެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދައި، އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ "ޔޭ ޖަވާނީ ހޭ ދީވާނީ" ސިނަމާތަކަށް އަންނާނީ މެއި މަހުގެ 31 ގަ އެވެ. ފިލްމްގެ ޕޯސްޓަރު އާންމު ކުރުމާ އެކު ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަނީ މި ފިލްމްގެ ޓްރެއިލާއަށެވެ.

މިއީ ރަންބީރާ އެކު "ވޭކް އަޕް ސިދް" ޑައިރެކްޓް ކުރި އަޔާންގެ ދެވަނަ ފިލްމެވެ. ރަންބީރާއި ދީޕިކާގެ އިތުރުން "ޔޭ ޖަވާނީ ހޭ ދީވާނީ" ގައި ކަލްކީ ކޮޗިން އާއި އަދިތިޔާ ރޯއި ކަޕޫރު ވެސް މުހިއްމު ރޯލްތަކެއް އަދާކޮށްފައިވެ އެވެ.

ރަންބީރާއި ދީޕިކާ މީގެ ކުރިން ވަނީ "ބަޗްނާ އޭ ހަސީނޯ" ގައި މަސައްކަތްކޮށްފަ އެވެ. އެއީ ދެ ތަރިން ރައްޓެހިވެގެން އުޅުނު ދުވަސްވަރު އެވެ.
އެހެން ނަމަވެސް ފަހުން ދެ މީހުންގެ ގުޅުން ނިމުމަކަށް އަައިސް، ސްކްރީނުން ވެސް ފެންނާނެ ކަމުގެ އުންމީދު ގެއްލުނެވެ.

އެކަމަކު ފާހަގަކޮށްލެވޭ އެއް ކަމަކީ މިއީ ބޮލީވުޑްގެ ދެ ތަރިއަކު ރައްޓެވިގެން އުޅުމަށް ފަހު، އެކުގައި އަލުން ފިލްމަކުން ފެންނަ ދެވަނަ ފަހަރު ކަމެވެ. މީގެ ކުރިން ސަލްމާން ހާނާއި ކެޓްރީނާ ކެއިފްގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް މިދިޔަ އަހަރު ރިލީޒްވި "އެކް ތާ ޓައިގާ" ގައި ދެ މީހުން ވަނީ އެކުގައި މަސައްކަތްކޮށް ގިނަ ބަޔަކު ސިއްސުވާލާފަ އެވެ.

އެހެންވެ ރަންބީރާއި ދީޕިކާގެ ކެމިސްޓްރީ ބަލާލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ.

މީގެ ކުރިން ރައްޓެހިވެެގެން އުޅުނު އިރު އެކުގައި ފިލްމް ކުޅުނު ނަމަވެސް އެކަން ހުއްޓުމަކަށް އައިސްފައިވާ ތަރިންގެ ތެރޭގައި ސަލްމާން ހާނާއި އައިޝްވާރިއާ ރާއީ، ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރު އަދި ޖޯން އަބްރަހަމް އާއި ބިޕާޝާ ބާސޫ ފަދަ ތަރިން ހިމެނެ އެވެ.