Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

މި އަހަރު ހުރިހާ ސްކޫލަކަށް ޚާއްސަ އެހީގެ ޓީޗަރުން ހަމަޖައްސަނީ

photo: Knowledge for People

މިއަހަރު ނިމޭއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޚާއްސަ އެހީ ބޭނުންވާ ކުދިންނަށް ކިޔަވައި ދޭނެ ޓީޗަރުން ހަމަޖައްސައި ދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

މިނިސްޓަރު ޑރ. އައިޝަތް ޝިހާމް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގައި 217 ޓީޗަރުން ތަމްރީނުކޮށްފައިވާ ކަމަށެވެ.

އަންނަ އަހަރުގައި ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން 23 ޓީޗަރަކު ޑިގްރީ ފެންވަރަށް ތަމްރީން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ހުރިހާ ކުދިން ބައިވެރިކޮށްގެން އެކުދިންނަށް ކިޔައިވައިދިނުމާއި ބެހޭ މައުލޫމާތު ދިނުމަށް ތިން ދުވަހުގެ މަހާސިންތާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ މުޤައްރަރެއް ތައާރަފްކޮށްފައެވެ. ކުދިންނަށް ކިޔަވައިދެވޭނީ އެމުޤައްރަރުގެ ދަށުން ކަމަށް ޑރ. އައިޝަތް ޝިހާމް މައުލޫމާތު ދެއްވާފައިވެއެވެ.