ހިތަދޫ އައިސް ޑިލައިޓް ރެސްޓޯރެންޓާއި ދިމާލުން ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައި ލިންކް ރޯޑުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
"ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލް ބްރޭކަރަށް އަރާފައި ކޮންޓްރޯލުން ނުކުރެވިގެން ގޮސް މަގުގެ އަނެއްފަޅިން އައި ސައިކަލުގައި ޖެހުނީ. އެ ސައިކަލުގައި އިނީ ގާޑިޔާ ހިންގާ ސޭޓާ. " މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުންޏެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބް 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އުމުރުން 61 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ނަޖީބް ވިދާޅުވި ގޮތުގައި 61 އަހަރުގެ ފިރިހެން މީހާގެ މޭމަތީގެ ކަށިތަކެއްގައި ރެނދުލާފައިވާ އިރު 20 އަހަރުގެ ޒުވާނާގެ ބޮލުގެ ނާށިގަނޑަށް އަނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ނަޖީބު ވިދާޅުވި ގޮތުގައި އެ ދެމީހުންނަށް ވެސް މިހާރު ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގެ ތިއޭޓަރުގައި ކަމަށެވެ.
އެކްސިޑެންޓްގައި ޒަޚަމްވި ތިން ވަނަ މީހާގެ ގައިގެ އެކިތަންތަނުން މަށައިގެން ދިއުން ފިޔަވައި އިތުރު އަނިޔާއެއް އޭނާ އަށް ލިބިފައި ނުވާކަމަށް ނަޖީބު ވިދާޅުވިއެވެ.
"ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފްލައި ކުރެވޭ ވަރަށް އެމީހުންގެ ހާލު ސްޓޭބަލައިޒް ވުމުން އިތުރު ފަރުވާއަށް ތަނަކަށް (މާލެއަށް) ފުރުވާނީ،" ނަޖީބު ވިދާޅުވިއެވެ.