ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ތަނެއްގައި، ދެ ބަޑި ޕްލާންޓް ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް، ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގެ ފަރާތުން ވަނީ މި މައުލޫމާތު ދައުލަތުގެ މުއައްސަސާތަކާ ހިއްސާކޮށްފައެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން ވޭތުވެދިޔަ ގާސިމް ފްރޭމްކުރުމަށް މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ދީފައި ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި އެމަނިކުފާނާއި ބައްދަލުކުރި މީހެއް ކަމަށެވެ.
ނޫސް ބަޔާނުގައި ބުނެފައި ވަނީ ގާސިމާއި ބައްދަލުކުރި މީހާ ދެއްކި ވާހަކައިގައި ގާސިމް އިބްރާހީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް އެމަނިކުފާނު ފްރޭމްކުރުމަށްޓަކައި އެމަނިކުފާނުގެ މަސްލަހަތު އޮންނަ ތަނެއްގައި ދެބަޑި ޕްލާންޓްކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެމީހާގެ ފޯނުން އެދެބަޑީގެ ފޮޓޯ ކަމަށް ބުނެ ދެފޮޓޯ ވެސް ދައްކާފައިވާ ކަމަށެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުން އެދި ޕޮލިސް ސާވިސްއަށާއި ޑިފެންސް މިނިސްޓްރީއާއި ޕީޖީއަށް ހުށަހަޅާފައެވެ.