Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

ހައްޤަކާ ނުލައި މީހަކު މަރާލުން ކައުބާ ފުނޑުފުނޑުވުމާ އެއްވަރު: ބާރީ

ޙައްޤަކާއި ނުލައި މީހެއްގެ ފުރާނަ ދުއްވާލުމަކީ މާތް ﷲގެ ޙަޟްރަތުގައި ކައުބާ ފުނޑުފުނޑުވުމާއި އެއްވަރު ކަމެއް ކަމުގައި ރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ޑރ. މަޖީދު މިގޮތަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒްގައި ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. މަޖީދު ވިދާޅުވި ގޮތުގައި އިސްލާމީ ދައުލަތެއްގައި އަދްލު އިންސާފް ޤާއިމް ނުކުރެވޭނަމަ އެދައުލަތެއް ފަނާވެގެން ހިނގައިދާނެކަމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ކަމަށާއި އެކަމަށް އަޅުގަނޑުމެން ބިރުވެތިވާން ޖެހޭ ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އެއްވެސް ރައްޔިތަކަށް ބިރުވެރިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަމެއް ނެތްކަން ފާހަގަކުރައްވައި ޑރ. މަޖީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ޢަދުލު އިންސާފުގެ ދާއިރާގެ ކަންތައް ހުރި ގޮތާއި މެދު ވާހަކަ ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ ކޯޓަކުން ހިންގޭ ޝަރީއަތަކުން އެކަނި އަދްލު އިންސާފް ޤާއިމެއް ނުކުރެވޭނެ ކަމަށެވެ.

ޑރ. މަޖީދު ވިދާޅުވީ، ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމްކުރެވޭނީ ޤާނޫނު ހަދާ މަޖިލީހާއި އެހެނިހެން މުއައްސަސާތަކުން ކުރާ ކަންކަންވެސް އިންސާފުން ގެންދެވިގެން ކަމަށެވެ.