ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ޒުވާން ބްލޮގަރު ޔާމީން ރަޝީދު ރަހުމް ކުޑަ ގޮތަކަށް މަރާލިތާ އެއް ދުވަސް ފަހުން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ މީހަކު ހައްޔަރުކޮށްފައިވަނީ މއ. އެބޫ ނަމަކަށް ކިޔާ އިމާރާތެއްގެ ތިރީ ބުރީގައި ހުރި އޮފީހެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެއެވެ. އެތަނުން މީހަކު ހައްޔަރު ކުރުމުގެ އިތުރުން ބައެއް ސާމާން ގެންދިޔަކަމަށްވެއެވެ. މީގެ އިތުރުން މއ. ކިނާރާ ހައުސް އަދި މއ. ނަމޫނާއަށްވެސް ފުލުހުން ވަނީ ކޯޓު އަމުރަކާއި އެކު ބަލައި ފާސްކޮށްފައެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ، މާލެތެރޭގެ އަމަން ބެލެހެއްޓުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިގެން ކުރިއަށްދާ ކަމަށާއި އެކަމުގެ ތަފްސީލް މިއަދުގެ ވަގުތެއްގައި ފުލުހުން ހާމަ ކުރާނެކަމަށެވެ. ހައްޔަރު ކުރި މީހަކީ ޔާމީންގެ މަރާއި ގުޅިގެން ހައްޔަރު ކުރި މީހެއްކަން ނުވަތަ ނޫންކަން ޝިފާން ވިދާޅެއް ނުވެއެވެ.
ފުލުހުން ރޭ ފެށި ހާއްސަ އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން ދިޔައީ މޫނު ނިވާކޮށްގެންނެވެ. އަދި އެފުލުހުންނާއި އެކު ފޮރެންސިކް ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
ޔާމީން ރަޝީދު މަރާލުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.