މިނިވަން ޗެމްޕިއަންޝިޕް އައްޑޫ ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ނިމިއްޖެ އެވެ.
މުބާރާތް މީދޫ ފުޓްބޯޅަ ދަނޑުގައި ހޮސްޓް ކުރާއިރު ރޭ ވަނީ ދަނޑު ކުރަހާ ނިމި، ދަނޑުގެ ވަށައިގެން އިޝްތިހާރު ބޯޑު ބެހެއްޓުމުގެ މަސައްކަތް ކޮށްފައެވެ.
މުބާރާތް ފަށާނީ މީދޫ ފުޓްބޯޅަ ޓީމާއި ހިތަދޫ ޓީމް ބައްދަލު ކުރާ މެޗުންނެވެ. މި މުބާރާތުގައި މިއަހަރު އައްޑޫގެ ފަސް ރަށަކުން ޓީމް ބައިވެރިވެ އެވެ.
އެއީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ އިތުރުން މުބާރާތް ހޮސްޓް ކުރާ މީދު އެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމްތައް ޕްރެކްޓިސް ކުރިއާލައި ފަށާފައިވާ އިރު މި މުބާރާތުގައި ރާއްޖޭން ބޭރުގެ ބައެއް ކުޅުންތެރިންގެ މޮޅު ކުޅުމާއި، އަދި ދިވެހި ގިނަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެއެވެ.
މުބާރާތް މީދޫގައި ބާއްވާއިރު މީދޫ ރައްޔިތުން ވަނީ މުބާރާތުގައި ބައިވެރިވާ އެހެން ޓީމްތަކަށް މަރުހަބާ ކިއުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ރަށުގެ ޒުވާނުންނާއި ރައްޔިތުން ވަނީ ރަށުގެ އެކި ސަރަހައްދުތައް ސާފުކޮށް، "ނަލަފެހިމީދޫ" އަކަށް ބަދަލުކޮށްފައެވެ.