ހިތަދޫ ލިންކް ރޯޑްގައި ހުންނަ "އައިސް ޑިލައިޓް ރެސްޓޯރަންޓް" ކުރިމަތިން އިއްޔެ ހަވީރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި މޭ ކަށިގަނޑު ބިނދުނު މީހާ އިތުރު ފަރުވާ އަށް މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ބުނެފި އެވެ.
ހިތަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބް މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އިތުރު ފަރުވާއަށް މާލެ ފުރުވާލަން މަސައްކަތް ކުރަމުން ދަނީ 61 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާގެ މޭކަށި ބިނދި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ނަޖީބް ވިދާޅުވިއެވެ.
"އާސަންދައިގެ ދަށުން ފުރުވާލުމަށް މަސައްކަތް ކުރަމުން ދަނީ. އެކަމުގެ މަސައްކަތް ހޮސްޕިޓަލުން އެބަ ކުރޭ،"
ނަޖީބް ވިދާޅުވީ އިއްޔެގެ އެކްސިޑެންޓާއި ގުޅިގެން ހޮސްޕިޓަލަށް ގެނައި އަނެއް ދެމީހުންގެ ހާލު މިހާރު ރަނގަޅު ކަމަށާއި، ބޮލަށް ގެއްލުންވި 21 އަހަރުގެ ޒުވާނާގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުވާފައި އައި ސައިކަލެއް މަގުގެ ސްޕީޑް މަޑުކުރުމަށް ހަރުކޮށްފައި ހުރި ބްރޭކަރަކަށް އަރައި ސައިކަލް ކޮންޓްރޯލް ނުވެ މަގުގެ އަނެއް ކޮޅަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާ ލިބުނު 61 އަހަރުގެ މީހާ ވެއްޓި އޭނާ އޮތީ ސައިކަލްގެ މަޑި އާއި ހުންގާނު ދޭތެެރޭގައި ކަމަށް މަންޒަރު ދުށް ފަރާތަކުން "އައްޑޫ ލައިވް" އަށް ކިޔައި ދިނެވެ.
އޭނާގެ ބޮލަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެމީހާ ބުންޏެވެ.
މި އެކްސިޑެންޓަކީ އިއްޔެ ހިނގި ދެވަނަ އެކްސިޑެންޓެވެ. އިއްޔެ ފުރަތަމަ ހިނގި އެކްސިޑެންޓް ހިނގާފައި ވަނީ ބެންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗް ކުރިމަތިން ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
އައްޑޫގައި އެކްސިޑެންޓްތައް ގިނަވުމާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފުލުހުންގެ ހަރަކާތް ފަށައި ތަފާތު އޮޕަރޭޝަންތައް ހިންގަން ފަށާފައެވެ.
އެގޮތުން އެކި ހިސާބުތަކުގައި ވީސީޕީ ޖަހައި ވެހިކަލްތައް ބަލައި ފާސްކޮށް އެއްގަމު ދުއްވާ އެއްޗެހީގެ ލައިސަންސް އޮތްތޯ ފުލުހުން ދަނީ ޗެކް ކުރަމުންނެވެ.