Last Updated: June 24, 09:56
Wednesday, June 24, 2026
ކުޅިވަރު

ދެ ފްރީސްޓައިލަރުންގެ ހުނަރު މިއަދު މީދޫ ދަނޑުން ފެންނާނެ

މިއަދު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ފަށާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހާފް ޓައިމްގައި ދެ ޒުވާން ފްރީސްޓައިލަރުން ކުޅަދާނަ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން ބުނެފިއެވެ.

އެ ކޮމިޓީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ފްރީސްޓައިލަރުންގެ ތެރޭގައި ހިމެނޭ ޔޫސުފް ރަމީޒް (ޔޫއްޓެ) އާއި، ހުސެއިން މިއާޒް (މިއައްޓެ) ފްރީސްޓައިލް ހަރަކާތްތައް މިއަދާއި މިރޭ އަދި މާދަމާގެ އެކި ވަގުތުތަކުގައި މީދޫގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ބޭއްވި ރެޑްބުލް ސްޓްރީޓް ސްޓައިލްގެ ދެ މުބާރާތުގެ ވެސް ދެވަނަ ހޯދާފައިވާ ޔޫއްޓެ އާއި މިއައްޓެގެ ހަރަކާތް ފުރަތަމަ އޮންނާނީ މިއަދު ހަވީރު ކުޅޭ މީދޫ، ހިތަދޫ ޓީމް ބައްދަލު ކުރާ މެޗްގެ ހާފް ވަގުތުއެވެ. އޭގެ ފަހުން މިރޭ 9 އިން ފެށިގެން 10 ޖަހަންދެން މީދޫ ބަނދަރު ސަރަހައްދުގައި މި ހުނަރުވެރިން ޕާފޯމް ކުރާނެއެވެ. އަދި މާދަމާ އެދެ ހުނަރުވެރިންގެ ހުނަރު މީދޫ ވައިޑީޕީ ކުދިންނަށް ދައްކާލައި އެކުދިންނަށް ދަސްކޮށްދިނުމަށް ވަނީ ރާވާފައެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބް މުބާރާތަކަށް ހެދުމަށް އޮގަނައިޒިން ކޮމެޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.