Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ތިގޮތަށް "ގާ ފުރޮޅުމުގެ" ބޭނުމެއް ނެތް: އިމާދު

ކައިރި މާޒީގައި ރާއްޖޭގައި ހިނގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމުގައި ފުލުހުން "ގާ ފުރޮޅި" ގޮތަށް ޔާމީންގެ މަރުގެ ތަހުގީގުގައި "ގާ ފުރޮޅުމުގެ" ބޭނުމެއް ނެތް ކަމަށް ޔާމީންގެ ބޮޑުބޭބެ އިމާދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް ދިން އިންޓަވިއުއެއްގައި އިމާދު ވިދާޅުވެފައި ވަނީ ޔާމީން މަރާލާފައި ވަނީ ކުރިއާލައި ރާވައިގެން ބަޔަކު ބޮޑެތި ޚަރަދުތަކެއް ކޮށްގެން ކަމަށެވެ.

ޔާމީން މަރާލާފައި ވަނީ ކޮން ބަޔަކު އަޑީގައި ތިބެގެން ކަން ހޯދުމަށް އާއިލާއިން ބޭނުންވާ ކަމަށް އިމާދު ވިދާޅުވިއެވެ.

ރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވެފައިވަނީ އޭނާގެ ކޮއްކޮގެ ގާތިލުންނާއި އެކަމަށް ޚަރަދުކުރި މީހުން ނުހޯދޭ ކަމަށްވާ ނަމަ "ނުފޮރޮޅާނެ އެންމެ ގަލެއް ވެސް" ނެތް ކަމަށް ސަރުކާރުން ބުނުމުގެ މާނައެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އިންސާފު ބޭނުން ނުވަނީކީއެއް ނޫން. އިންސާފު ދިނުމުގެ ނަމުގައި ކަމާ ނުގުޅޭ، ކޮންމެވެސް މީހަކު ގެނެސް އެއީ ގާތިލް ކަމަށް ފެންނަ ގޮތަކަށް ދިވެހިންނަށް ގަބޫލުކުރުވާ ބީދައިން، އެ އިންސާފު ހޯދާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،"

އިމާދު ވަނީ ޔާމީން މަރުވެފައި އޮތްވާ ފެނިގެން ފުލުހުން އަމަލު ކުރި ގޮތާއި މެދު ސުވާލު އުފައްދާފައެވެ.

ގެއެއްގެ ސިޑިބަރި މަތީގައި މަރާލާފައި ބާއްވާފައިވާ މީހަކު ފެނުމުން އެގޭގެ ފްލޯ އަކަށް އަރައި ސުވާލު ކުރުމަކާއި ނުލާ ޔާމީންގެ ދާއިމީ އެޑްރެސް ހޯދިގޮތަކަށް ހޯދައި ފޭދޫ ޗަނބޭލީގެއަށް ގުޅައި މައުލޫމާތު ދިނީ ކީއްވެތޯ އިމާދު ވަނީ ސުވާލުއުފައްދާފައެވެ.

ޔާމީންގެ މަންމައަށް ޚަބަރު ލިބިފައިވަނީ އެރޭ ފަތިހު 4 ޖެހިފަހުން ފޭދޫ އިން ގުޅާފައި ބުނުމުން ކަމަށް އިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން އިންސާނަކު އެފަދަ ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮތްވާ ފެނުމުން ފުލުހުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެހިސާބުގައި ހަރުކުރެވިފައިހުރި ކެމެރާތައް ބަލައި ސީން ރައްކާތެރިކޮށް ހެކިތައް ހޯދުން ކަމަށް ވެފައިވިނަމަވެސް އެގޮތަށް ފުލުހުން އަމަލު ކޮށްފައިނުވާ ކަމަށް އިމާދު ވިދާޅުވިއެވެ.

ހިތާމައިން ފޯވެ އަސަރާއެކު އިމާދު ވިދާޅުވެފައިވަނީ ދުރާލާ ޕްލޭންކޮށްގެން އެތައް ޖަރީމާތައް ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިންގާފައިވާ ކަމަށާއި އެއިން އެއްވެސް މީހަކަށް އިންސާފު ލިބިފައިނެތް ކަމަށެވެ. ރާއްޖޭގެ އެންމެ ބާރުގަދަ މުއައްސަސާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަނިޔާވެރިކޮށް މަރާލާފައިވާއިރު އެތައް ދުވަހެއް ފާއިތުވެގެންދިޔައިރުވެސް ޖަވާބެއް ލިބިފައިނުވާއިރު އާދައިގެ މީހަކު މަރާލުމުން ހޯދައިދެވޭނީ ކޮން ޖަވާބެއްތޯ އިމާދު ވަނީ ސުވާލުކޮށްފައެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މިފަހަރު އެއްވެސް ގަލެއް ތިބޭފުޅުން ފުރޮޅުއްވާނެ ކަމެއް ނެތޭ. އަޅުގަނޑުމެންގެ އާއިލާއަކުން އަޅުގަނޑުމެން ބޭނުމެއް ނުވޭ ގަލެއް ފުރޮޅާކަށް ވެސް. އަޅުގަނޑުމެންނަށް ސައްތައިން ސައްތަ ގެރެންޓީ، މީގެ ކުރިން މިފަދަ ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މީގައި ވެސް ހަގީގަތާ ހަމައަށް ވާސިލްވުމަކީ މހާރު ތަަހުގީގީ އިދާރާތަކުގެ ކަންތައްތައް ހަމަޖެހިފައި ހުރި ގޮތުން، ދައުލަތުގެ އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތުން، ދައުލަތުގެ ކަންކަމާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން، ބަސްމަގު ހުރި ގޮތުން އެއީ ވާނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،"

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާގެ ހަށިގަނޑު 14 ތަނަކަށް ވަޅި ހަރާލުމަށްފަހުގައެވެ. ޔާމީން މަރާލާފައިވަނީ ތަކުރާރުކޮށް މަރުގެ އިންޒާރުދީ، ކަމާ ބެހޭ ފަރާތްތަކުން އެކަން ސީރިއަސް ކޮށް ނުނަގައި ދޫކޮށްލާފައިވަނިކޮށެވެ. މާތް ﷲ އާއިލާއަށް ކެތްތެރިކަން ދެއްވާށި!