Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

އަޝްރަފަށް ނުކުޅެވުމަކީ ޓީމަށް ލިބޭ ދެރައެއް: މީދޫ ޓީމް

މީދޫ ޓީމާއި ހިތަދޫ ޓީމް މިދިޔަ ހުކުރު ދުވަހު ކުޅުނު މެޗްގައި އެޓީމްގެ ތަޖްރިބާ ކާރު ކުޅުންތެރިޔާ އައްޝޭއަށް އަނިޔާވެގެން ދަނޑުން ބާލަނީ. ކައިރީގައި ކޯޗު ޔާއްސޭ

މިނިވަން ޗެމްޕިއަންޝިޕް އައްޑޫ މުބާރާތް މިއަދު ފަށާ އިރު، އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި މިދިޔަ ހުކުރު ދުވަހު އަނިޔާވި މީދޫ ޓީމްގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަޝްރަފް (އައްޝޭ) ޓީމްގައި ނެތުމަކީ ލިބޭ ބޮޑު ދެރައެއް ކަމަށް މީދޫ ޓީމުން ބުނެފި އެވެ.

މީދޫ ޓީމްގެ ކޯޗު ޔާސީން (ޔާއްސޭ) ބުނީ އައްޝޭ އަކީ މީދޫ ޓީމްގައި ހުރި އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ ކަމަށާއި އޭނާއަށް ނުކުޅެވުމަކީ ޓީމަށް އޮތް ދެރައެއް ކަމަށެވެ.
ޔާސާ ބުނީ އައްޝޭއަށް ކިރިޔާވެސް ކުޅެވޭނަމަ އޭނާގެ ބޭނުން މިއަދު ހިފާނެ ކަމަށެވެ.

އައްޝޭ އަށް އަނިޔާވީ މިއަދު އެ ޓީމާ ދެކޮޅަށް ކުޅޭ ހިތަދޫ ޓީމާއި އެކު މިދިޔަ ހުކުރު ދުވަހު ކުޅުނު މެޗްގައި އަޝްރަފް ޑައިވްކޮށްގެން ބޮލުން ބޯޅަ ޖަހަން އުޅުމުގެ ތެރޭގައި ހިތަދޫ ޓީމްގެ ކުޅުންތެރިއަކު އަޝްރަފް ކޮށްޕާލުމުން ވެއްޓި ބޯ ވަރަށް ބާރަށް ބިންމަތީގައި ޖެހި ބޮލަށް ގެއްލުންތަކެއް ވެގެންނެވެ.

މި ހާދިސާއާ ގުޅިގެން އައްޝޭއަށް ވަނީ މީދޫ ސިއްހީ މަރުކަޒާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފަ އެވެ.

މެޗާ ގުޅޭ ގޮތުން ޔާއްސޭ ބުނީ ޓީމުގައި އިންޖަރީގެ މައްސަލަ ވެސް ހުރި ކަމަށާއި ހިތަދޫ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންވެ ހުރިހާ ކުޅުންތެރިން ވެސް މިއަދު މެޗް ފަސޭހަކޮށް ނުނަގާނެ ކަމަށެވެ.

"އިދިކޮޅު ޓީމަކީ ވަރުގަދަ ޓީމެއް، އެމީހުންނަށް އިހްތިރާމްކޮށްގެން ކުޅޭނީ،" އޭނާ ބުންޏެވެ،

މީދޫ ޓީމްގައި ބިދޭސީ އެއްވެސް ކުޅުންތެރިއެއް ނެތެވެ. ނަމަވެސް ރަށުން ބޭރުގެ ބައެއް ކުޅުންތެރިން ޓީމްގައި ތިބިކަން ޔާއްސޭ ފާހަގަ ކުރި އެވެ.

މީދޫ ޓީމް މީދޫ ފަސްގަނޑުގައި ކުޅުމަކީ އެޓީމަށް އޮތް އެޑްވާންޓޭޖެކެވެ.

ޓީމުގެ ފަރާތުން ވަނީ ވީހާ ވެސް ގިނަ ބަޔަކު މެޗް ބެލުމަށާއި ޓީމަށް ހިތްވަރު ދިނުމަށް ދަނޑަށް ވަޑައިގަތުމަށް އެދިފަ އެވެ.