Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

ކްރައިމް އިންވެސްޓިގޭޝަންގެ ދެ ވެރިއަކު ބަދަލުކޮށްފި

ރިޔާޒު ބަންގްލަދޭޝްގައި.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަންގެ އިސް ދެ ވެރިއަކު ބަދަލުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް އިންވެސްޓިގޭޝަންގެ ކޮމާންޑްގެ ޑެޕިއުޓި ހެޑު ޗީފް ސްޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒުވަނީ ފުލުހުންގެ ކަމިޝަނާސް ބިއުރޯއަށް ބަދަލުކޮށްފައެވެ.

އަދި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓުމެންޓު(ސޮކްޑީ)ގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު އެމަގާމުން ފުލުހުންގެ އެކަޑަމީއަށް ބަދަލުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުހުންގެ އެތެރޭގެ ބަދަލު ތަކަކީ މީޑިއާއަށް ހާމަކުރާ މައުލޫމާތެއް ނޫންކަމަށެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފައި މިވަނީ އަނިޔާވެރި ގޮތަކަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން މަރާލި ހާދިސާ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ފަށާފައި ވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީންގެ މަރުގެ ތަހްގީގުގައި އިސްކޮށް ހަރަކާތްތެރިވަމުން އައީ ރިޔާޒުއެވެ. ރިޔާޒު ވަނީ ދާދި ފަހުން ބަންގަލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާގެ ތަހްގީގަށް ބަންގަލަދޭޝްއަށް ގޮސް އެތަނުގެ ފުލުހުންނާއި އެކު މަސައްކަތް ކުރުމަށްފަހު އެމައުލޫމާތު ދިވެހި ރައްޔިތުންނާއި ހިއްސާ ކޮށްފައެވެ.