ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ހެއްދެވުމަށްޓަކައި މާލޭ ސަރަޙައްދުގައި ޔޮޓް މެރީނާއެއް ޤާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ކަނޑައެޅުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
މިއަދުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަފާރީ ޔޮޓްގެ ގޮތުގައި މިހާރު ބޭނުންކުރާ 140 އަށް ވުރެ ގިނަ އުޅަނދު އޮތްކަމާއި އަދި ކޮންމެ އަހަރަކު މި ޞިނާޢަތަށް 5 އުޅަނދު އިތުރުވެގެންދާކަން ފާހަގަކުރެއްވި އެވެ.
އެހެންކަމުން ސަފާރީ ޔޮޓްތައް އިތުރުވަމުން ދިޔުމާއި އަދި މިއީ ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ އެއްދޮރު ކަމަށްވުމާ އެކު، ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ކަނޑައެޅުއްވުމަކީ، ރާއްޖެ އަށް އިޤްތިޞާދީ ގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިބޭނެ ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ވަޒީރުންގެ މަޖިލީހުން ނިންމެވީ، ޔޮޓް މެރީނާއެއް ޤާއިމް ކުރުމުގެ މަސައްކަތް ބީލަމަށް ހުޅުއްވާލައްވައިގެން، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް، އެ މަސައްކަތް ޙަވާލު ކުރެއްވުމަށެވެ.