މީދޫގައި މިއަދު ފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ހިތަދޫ އެފްސީ އާއި މީދޫ ބައްދަލު ކުރި މެޗު 2-4 ގެ ލަނޑުން ހިތަދޫ ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ހިތަދޫއިން ވަނީ މެޗު ޑޮމިނޭޓުކޮށް ފުލުފުލުގައި ހަމަލާ އުފައްދައި މީދޫ ޑިފެންސް ލައިނަށް ބާރު ބޮޑު ކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ހިތަދޫ އިން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު ޓީމަށް ޖަހާދީފައިވަނީ ޖާޒީ ނަމްބަރު 11، އިންޝާލްއެވެ.
އިންޝާލުގެ ލަނޑަށްފަހު މީދޫ އިން ވަނީ ބޯޅަ ހިފަހައްޓައި ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފަސް މިނެޓު ފަހުން މީދޫ ޓީމުގެ ޖާޒީ ނަމްބަރު 20، އަސްރަފް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
ހިތަދޫ ޓީމުން މެޗުގެ 32 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މިލަނޑު ޖަހާފައިވަނީ ހިތަދޫ ޓީމުގެ ޖާޒީ ނަމްބަރު 9، އާލިފް ފަހުމީއެވެ. އޭނާ ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވެ އިންޝާލް ވަނީ މެޗުގައި ދެވަނަ ފަހަރަށް ގޯލު ޖަހައި ހިތަދޫ އެފްސީގެ ލީޑު ފުޅާކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު 1-3 އިން ހިތަދޫ މޮޅުވެ ނިމިފައިވާއިރު ދެވަނަ ހާފަށް ޓީމު ނިކުމެފައިވަނީ އާ ހިތްވަރަކާއެކުގައެވެ. ދެވަނަ ހާފު ފެށިތާ ތިން މިނެޓު ވީއިރު އާލިފް ވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފައެވެ.
ހިތަދޫ އިން މެޗުގެ ކޮންޓްރޯލް ނަގައި ލީޑު 1-4 އަށް ފުޅާކޮށްފައިވަނިކޮށް މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް މީދޫ ޓީމުގެ ޖާޒީ ނަމްބަރު 4، ޝަމީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހިތަދޫ ޓީމުގެ ޖާޒީ ނަމްބަރު 9، އާލިފް ފަހުމީއެވެ.