ރަހުމް ކުޑަގޮތަކަށް މިމަހުގެ 23 ވަނަ ދުވަހުގެ ފަތިހު މަރާލި ސ. ފޭދޫ ޗަނބޭލީގެ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ މިނިވަން ތަހްގީގެއް ކުރުމަށް އެދި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖްލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
@yaamyn ge maruge massalaige minivan thahuqeegeh kurumah edhi MDP PG ge faraathun MP @DhekunuNizar miadhu majlis ah kulli massala eh laifi. pic.twitter.com/X18FYOFMaq
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 25, 2017
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރ އަލީ ނިޒާރު މަޖްލިސްއަށް ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ ޔާމީން ރަޝީދަށް ތަކުރާރުކޮށް އޭނާއަށް ބަޔަކު މަރުގެ އިންޒާރު ދެމުންދާކަން ރިޕޯޓްކޮށްފައިވާ ހިނދު، އެ ރިޕޯޓާއި ގުޅިގެން ފުލުހުން ޔާމީނަށް އެއްވެސް ޖަވާބެއް ނުދޭކަމަށެވެ. އަދި ފާޅުކަން ބޮޑު ފުލުހުން ރަސްމީ ޓްވިޓަރ އެކައުންޓް ޓެގްކޮށް ޔާމީންއަށް މަރުގެ އިންޒާރު ދީފައި ވުމާއި އެކުވެސް މިކަންވެސް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ތަހްގީގު ކުރެވިފައި ނުވާ ހިނދު ޔާމީންގެ މަރަކީ ފުލުހުންގެ އިހްމާލުން ހިނގާފައިވާ ކަމެއް ކަމަށް ގަބޫލް ކުރެވޭނެ ޖާގަ އޮތް ކަމަށެވެ.
މީގެ އިތުރުން އެތައް ދިވެހި ރައްޔިތުންނަށް މިފަދަ މަރުގެ އިންޒާރުތައް ތަކުރާރުކޮށް ސޯޝަލް މީޑިއާ އާއި ޓެކްސްޓް މެސެޖް މެދުވެރިކޮށް ދެމުންދާ ކަމަށާއި، މަޖްލިސް މެމްބަރުންނާއި ސިޔާސި އެތައް ފަރާތްތަކަށާއި، ނުސްވެރިންނަަށް ލިބިފައިވާ އިރު އެމައްސަލަތައް ފުލުހަށް ހުށަހެޅި ބެލިފައި ނުވާކަމަށެވެ.
އެހެންވެ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްގީގު އިންސާފުވެރިކަމާއި އެކު އެންމެ ފުރިހަމައަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ކުރެވިދާނެކަމަށް ގަބޫލް ނުކުރެވޭއިރު ޑރ އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލިތާ 5 އަހަރުވާއިރު މި މައްސަލައިގެ ތަހްގީގު ފުރިހަމަވެފައި ނުވާ ކަމަށާއި ނޫސްވެރިޔަ ރިލްވާން އަބްދުﷲ ވަގަށްނެގިތާ 3 އަހަރުވާން ކައިރިވެފައިވާ އިރު އެކަން ކުރި ބަޔަކު ހޯދިފައި ނުވާކަމަށެވެ.
އެހެންކަމުން ޔާމީން ރަޝީދުގެ މަރުގެ ތަހްގީގު މިނިވަން ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އެދި މަޖްލިސްގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.
ނިޒާރު މިފަދަ ކުއްލި މައްސަލައެއް މަޖްލިސްއަށް ހުށަހެޅިއިރު ބައިނަލް އަގްވާމީ ފަރާތްތަކުންވެސް ވަނީ މި ތަހްގީގު ދެފުށްފެންނަ އުސޫލުން ކުރުމަށް ގޮވާލާފައެވެ.