Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

‎ދިރާގު ޓީވީގެ ހިދުމަތް ތައާރަފްކޮށްފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 'ދިރާގު ޓީވީ'ގެ ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އައިޕީޓީވީގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

އައިޕީޓީވީ އަކީ އިންޓަރނެޓް ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްޏޮލޮޖީއެކެވެ. މި ހިދުމަތް ހޯދުމަށްޓަކައި ބޭނުންވަނީ ދިރާގު ބްރޯޑް ބޭންޑް ކަނެކްޝަނެކެވެ.

ދިރާގުގެ ހެޑް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނިން ހާމަކުރި ގޮތުގައި ދިރާގު ޓީވީގެ ހިދުމަތަށް އެދޭ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހާއްސަ އޮފައެއްގެ ގޮތުން އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ފީ އާއި ޖޯއި ބޮކްސް އަދި ގުޅައިދިނުން ހިލޭ ދޭން ނިންމާފައިވާ ކަމަށެވެ.

ޖޯއީ ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަނެޓް ޔޫސޭޖް އެލަވަންސަށް އަސަރުނުކުރުމުގެ އިތުރުން އިންޓަރނެޓްގެ އިތުރު ހަރަދެއް ނުހިނގާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ހިދުމަތް ގުޅައި ދިނުމަށްފަހު ދިރާގުގެ ނެޓްވާރކް ބޭނުންކޮށްގެން އެހެން ވަސީލަތް ތަކުންވެސް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތެއްގައި ވެސް ޓީވީ ބެލޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ދިރާގު ޓީވީ މެދުވެރިކޮށް ދިވެހި ރާއްޖޭގެ ހުރިހާ ޗެނަލްތަކެއް ފެނިގެންދާއިރު ރާއްޖޭން ބޭރު ޗެނަލް ތަކުގެ ތެރެއިން އާންމުކޮށް ދިވެހިން ބޭނުން ކުރާ ޗެނަލްތައްވެސް ބެލޭނެއެވެ.