އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތުގައި ހުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރީނދޫ މަލުގެ ގުލްދަސްތާ ވެދުމަށް އަރުވައިފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ފަރާތުން މިއަދު ދަރުބާރުގޭ ފާށަނާ މާލަމުގައި ބޭއްވި ބައްދަލުވުމަށް ފަހު އިންޑިއަން ހައި ކޮމިޝަންގެ ހިމާޔަތުގައި ހުންނެވި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ރީނދު މަލުގެ ގުލްދަސްތާ ވެދުމަށް އެރުވުމަށް ދިއުމުން ފުލުހުން އެ ސަރަހައްދު ވަށައިގެން ބެރިކޭޑު ޖަހައި ބަންދު ކުރި އެވެ.
އަދި އިންޑިއަން ހައިކޮމިޝަންގެ ބޭފުޅުން ފުލުހުންނާ މުއާމަލާތް ކުރުމުން އެއްވެތިބި އަންހެނުންގެ ތެރެއިން 5 މީހުންނަށް އެ ސަރަހައްދަށް ވަނުމަށް ހުއްދަ ދީ، މިއަދުގެ ހަވީރުގެ ވަގުތު ރައީސް ނަޝީދަށް ވަނީ ރީނދޫ މަލުގެ ގުލްދަސްތާ ވެދުމަށް އަރުވާފަ އެވެ.
މިކަމާ ގުޅެގޮތުން އަންހެނުންގެ ރޫޙްގެ ފަރާތުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ “އެމްޑީޕީގެ އަންހެނުން ރޫޙްގެ ފަރާތުން ރައީސް ނަޝީދަށް ހެޔޮއެދި ހިތްވަރު ދިނުމުގެ ގޮތުން އެ މަނިކުފާނަށް ވެދުމަށް އެރުވުމަށް މަލުގެ ގުލްދަސްތާ ހިފައިގެން ދިއުމުން ދަރުމަވަންތަ ސްކޫލްއާ ޓްރޭޑަސް ހޮޓާ ކަންމަތިން ބޭރިކޭޑް ޖަހާ ބަންދުކޮށް އެއްވެސް މީހަކަށް ނުވަދެވޭނެ ގޮތް ހަދާ އަޅުގަޑުމެން ހިފެހެއްޓި" ކަމަށެވެ.
“މިކަން މިހެން ހިނގުމުން އިންޑިއަން ހައިކޮމިޝަނުގެ ބޭފުޅުން އެ ސަރަހައްދު ބޭރިކޭޑް ޖަހައި ބަންދުކޮށްގެން ތިބި ފުލުހުންނާ ވާހަކަ ދައްކަވާ ރައީސް ނަޝީދަށް އަންހެނުންގެ ރޫޙްގެ ފަރާތުން ވެދުން ކުރާ ގުލްދަސްތާ ވެދުމަށް އެރުވުމަށް ހައި ކޮމިޝަނަށް ވަނުމުގެ ހުއްދަ ދިނުމަަށް ވެސް ފުލުހުން އިންކާރު ކުރި،" އޭނާ ވިދާޅުވި އެވެ. “އަދި މިކަން މިހެން ހިނގުމުން އަންހެނުންގެ ރޫޙްގެ ފަރާތުން އެ ސަރަހައްދު ދޫކޮށް ނުދާނެކަން ފުލުހުންނަށް ޔަގީންވުމުން އެއްވެތިބި މީހުންގެ ތެރެއިން 5 މީހުންނަށް ހުއްދަ ދީ ރައީސް ނަޝީދު ގެ އަރިއަހަށް މަލުގެ ގުލްދަސްތާ ވެދުމަށް އެރުވުމުގެ ފުރުސަތު ދިނީ.”