މާލޭގެ ރައްޔިތުންނަށް އުފާވެރިކަން އައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާއިތުވި 3 އަހަރުގައި ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާ ޕީޕީއެމް ކެންޑިޑޭޓް މުހައްމަދު ސައީދު ކެންޕެއިން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މައުރޫފް ވިދާޅުވީ، ސަރުކާރުން މާލެ ސިޓީ ތަރައްޤީ ކުރަމުން ގެންދަނީ ކައުންސިލް "ކަފުންކޮށްފައި ބާއްވާފައި" ކަމަށެވެ.
" ކައުންސިލް މިހާރު ކަފުންކޮށްފަ ބާއްވާފަ އަޅުގަނޑުމެން މާލެ ތަރައްގީ މިި ކުރަނީ. މިއަދު އަޅުގަނޑުމެން ފަހުރުވެރިކަމާއެކު ބުނަން ކެރޭ މާލެއަށް ދިމާވެފައިވާ އުފާވެރިކަން މި އައީ މި ތިން އަހަރުގެ ތެރޭގައޭ." މައުރޫފް ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއްކޮށްދީފައި ނުވާކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
މާލެ ތަރައްގީ ކުރުމަށްޓަކައި ރައީސް ޔާމީންގެ ވިސްނުންފުޅު ވަރަށްވެސް ފުރިހަމަ ކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ސަރުކާރަށް ތާޢީދު ކުރާ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދޭން ޖެހޭ ކަމަށެވެ.