Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

ނަޝީދާއި ރިޔާޒްގެ ޝަރީއަތް މިއަދު ބާއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރާ ގަސްދުގައި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާގެ ޝަރީއަތް މިއަދަށް ތާވަލްކޮށްފިއެވެ.

ނަޝީދުގެ މައްޗަށް ދެވަނަ ޓެރަރިޒަމް ދައުވާއެއް އުފުލާފައި މިވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން 14 ޖުލައި 2010 ދުވަހުގެ ރޭ ހައްޔަރުކޮށް އާރަށުގައި ބެހެއްޓި މައްސަލާގައެވެ.

އެ މައްސަލަ ޕީޖީން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެފަހަރު މަތިން ކޯޓުގައި ތާވަލް ކުރި ނަމަވެސް ނަޝީދު ކޯޓަށް ހާޒިރު ނުވާތީ މައްސަލަ ވަނީ ކެންސަލް ކޮށްފައެވެ.

ނަޝީދުގެ ޝަރީއަތް މިއަދަށް ތާވަލް ކޮށްފައިވަނީ 13:00އަށެވެ.

މީގެ އިތުރުން ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ފުލުހުންގެ ތަހްގީގަށް އަތުލާފައިވާ އަބްދުﷲ ރިޔާޒްގެ ފޯނު ހުޅުވައިދިނުމަށް ދެކޮޅު ހެދި މައްސަލައިގެ ޝަރީއަތެވެ.

ރިޔާޒު ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖްލިހުގެ އެމަނިކުފާންގެ ފޯނުގެ ޕިން ފުލުހުންނަށް ކިޔާދީފައެވެ.

ރިޔާޒްގެ ޝަރީއަތް ތާވަލް ކޮށްފައިވަނީ މިއަދު މެންދުރު 15:00އަށެވެ.