Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

އިއްބެ ނެތުމަކީ ދެރައެއް، ޓީމް ފިޓް: ފޭދޫ ޓީމް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މަރަދޫ ޓީމާއި ދެކޮޅަށް މިއަދު ފޭދޫ ޓީމް ނިކުންނައިރު ޓީމްގެ އަނިޔާގެ މައްސަލައެއް ނެތްކަމަށާއި، ނަމަވެސް ޓީމަށް އޮތް އެންމެ ބޮޑު ދެރައަކީ އެޓީމްގެ ހުނަރުވެރި ފޯވާޑް އިބްރާހިމް މަހުދީ ހުސެއިން (ހަބޭސް އިއްބެ) ނެތުން ކަމަށް ފޭދޫ ޓީމުން ބުނެފި އެވެ.

ފޭދޫ ޓީމްގެ އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިއާ އަލީ ސަރީރް (ޕީޓާ) ބުނީ އިއްބެ ނުލައި މުބާރާތަށް ދިއުމަކީ ދެރަކަމެއް ކަމަށާއި އެވަރުގެ ފޯވާޑެއް ހޯދުމަކީ ދަތިކަމެއް ކަމަށެވެ.

ފޭދޫ ޓީމުން ވިދާލި އިއްބެ ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެ، ރާއްޖޭގެ ގައުމީ ޓީމުންވެސް ޖާގަ ހޯދާފައެވެ. އެހެންވެ މިފަހަރު މުބާރާތުގައި އިއްބެގެ އަމިއްލަ ރަށަށް ކުޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

ޕީޓާ ބުނީ އިއްބެ ނެތްތަން ފޫބެއްދުމަށް ބިދޭސީ ފޯވާޑަކު ގެނެސްފައިވާ ކަމަށާއި ޓީމްގައި 3 ބިދޭސީ ކުޅުންތެރިން ހިމެނޭކަމަށެވެ.

މިފަހަރުގެ މުބާރާތް މިދޫ ފުޓްބޯޅަ ދަނޑުގައި ބާއްވާއިރު ދަތުރުފަތުރުކޮށްފައި މީދޫއަށް ދިއުމަކީ ޓީމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކޮށް ޕީޓާ ބުނީ ޓީމް މީދޫއަށް ދަނީ އެންމެ ފަހު ވަގުތު ކަމަށެވެ.

"ހެނދުނު ގޮސް މީދޫގައި ތިބުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާކަމެއް އެންމެ މެންދުރު ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއި އެކު ޓީމްގެ 25 ކުޅުންތެރިން ދާނީ ލޯންޗްގައި، ސަޕޯޓަރުން ނުލައި ދިއުމަކީ ވަރަށް ދެރަކަމެއް"

ޕީޓާ ބުނީ މިފަހަރުވެސް ޓީމްގެ އަމާޒަކީ ތަށި ކަމަށާއި، އެހެންވެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވި އީކުއޭޓަރ ވިލެޖަށާއި، ލިޓަސް އަދި 3 އެސްއަށް ހާއްސަ ޝުކުރެއް ޓީމްގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ފަރާތުން އަދާކުރާ ކަމަށެވެ.