އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުދޫ ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ މިހާރު ވެސް އެ ދާއިރާ ތަމްސީލު ކުރަމުން އަންނަ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ގެ ހާއްސަ ކެމްޕޭން ބައްދަލުވުމެއް މިރޭ މާލޭގައި ބާއްވަން ނިންމައިފި އެވެ.
އައްދު ބުނީ މާލޭގައި ދިރިއުޅޭ ހުޅުދޫގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބާއްވާ ބައްދަލުވުން މިރޭ ސައިރިކްސް ކޮލެޖްގައި އޮންނާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދް (ޝާޑް) އާއި އައްދުގެ ކެމްޕެއިން ޓީމްގެ އިސްވެރިން ބައިވެރި ވާނެ އެވެ.
އައްދު ވަނީ ނިމިގެން ދިޔަ ހަފްތާ ބަންދުގައި ހުޅުދޫގައި ދެ ވެހިކަލް ބުރެއް ބާއްވާފައެވެ. މި ވެހިކަލް ބުރުގައި މެމްބަރު ޝާޑް އާއި ޝާޑްގެ އަނބިކަބަލުން އަދި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
އައްދު މިރޭ މާލޭގައި ދިރިއުޅޭ ހުޅުދޫ ރައްޔިތުންނާއި ބައްދަލު ކުރުމަށް ނިންމާފައިވާއިރު ހުޅުދޫގައި އައްދުއަށް ތާއިދު ހޯދުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
މިހާރު ހުޅުމީދޫ ދާއިރާ ތަމްސީލު ކުރައްވާ އައްދުއަކީ ކައުންސިލްގައި މިވަގުތު ހުންނެވި ހަމައެކަނި ޕީޕީއެމް ކައުންސިލަރެވެ. އޭނާ ވަނީ ނިމެމުންމިދާ ކައުންސިލްގެ ދައުރުގައި ހުޅުމީދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އާއްމު ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އައްދު އަކީ ރަށުގެ އިޖްތިމާއީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ.