އައްޑޫގެ ޒުވާން ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި ހާދިސާ ފްރާންސްއިން ކުށްވެރިކޮށްފިއެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ޔާމީން މަރާލުން ސިފަކޮށްފައިވަނީ ފިނޑި އަމަލެއްގެ ގޮތުގައެވެ. އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ވެސް ފްރާންސުން ގޮވާލާފައިވެއެވެ.
ޔާމީން މަރާލި މައްސަލަ ބޭރުގެ ގައުމުތަކުން ކުށްވެރި ކުރަމުން އަންނައިރު އެކަމުގެ ތަހްގީގުގައި ބައިނަލްއަގްވާމީ ފަރާތްތައް ބައިވެރިކުރުމަށް އެކި ގައުމުތަކުން ވަނީ ގޮވާލާފައެވެ.
ޔާމީން މަރާލިތާ ދެ ދުވަސް ފަހުން އިއްޔެ ފުލުހުން ބޭއްވި ކުރު ނޫސް ކޮންފަރެންސެއްގައި ބުނެފައިވަނީ އެ އަމަލު ހިންގި ފަރާތްތައް ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަީ ބުނެފައެވެ.
ޔާމީން މަރާލާފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސެޕެޗޫލާ ގޭގެ ތެރޭގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އޭނާގެ ހަށިގަނޑުގެ 16 ތަނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ.