ދެހާސް އެގާރަ ވަނަ އަހަރު ފޭދޫ މިސްކިތްތައް މަރާމާތު ކުރުމަށް ފަހު އޮޅުވާލައިގެން ފައިސާ ހޯދި، ވެރިއެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
އޭސީސީން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފޭދޫ އަވަށު ބޯޑުގެ ކުރީގެ ވަގުތީ ރައީސްގެ މައްޗަށެވެ.
ދެހާސް އެގާރަ ވަނަ އަހަރު ފޭދޫ އަވަށު ބޯޑުގެ ވަގުތީ ރައީސަކަށް ހުންނެވީ އަހްމަދު ނަސީރެވެ.
އެހެން ނަމަވެސް އޭސީސީ އިން ނެރުނު ބަޔާނުގައި ދައުވާ އުފުލާފައިވާ ފަރާތުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.
ފޭދޫ އަވަށު ބޯޑުގެ ކުރީގެ ރައީސްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ، ފޭދޫ މަސްޖިދުލް ފަލާޙް މިސްކިތުގައި އަމިއްލަ ފަރާތަކުން ހިލޭ ސާބަހަށް ކުރި މަސައްކަތަކަށް 40.000ރ. ނަގާފައިވާ މައްސަލައެއްގަ އެވެ.
އޭސީސީން ކުރި ތަހުގީގާ ބެހޭ ގޮތުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފޭދޫ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުކޮށް ކުލަ އާއި ދަވާދުލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ކުރި އިޢުލާނާ ގުޅިގެން، އެންމެ ކުޑައަގު އަދި އެންމެ ކުރު މުއްދަތެއް ހުށަހެޅި ފަރާތާއި ކަމަށެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން ހަވާލުކުރި، ކުންފުނިން މަސައްކަތް ފެށުމުގެ ކުރިން ފޭދޫ މަސްޖިދުލްފަލާޙްގެ (ފޭދޫ ހުކުރު މިސްކިތް) ކުރަންޖެހޭ މަސައްކަތް އަމިއްލަ ފަރާތަކުން ވަނީ ހިލޭ ސާބަހަށް ކޮށް ނިންމާފައެވެ. އެހެން ނަމަވެސް އެއީ ކޮން ކުންފުންޏެއްކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
އޭސީސީގެ ބަޔާނުގައި ވެސް ބުނެފައި ވަނީ އެ މަސައްކަތުގެ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ، ސ.ފޭދޫ މަސްޖިދުލްފަލާޙްގެ މަސައްކަތް ކޮށްފައިވަނީ، މަސައްކަތް ޙަވާލުކުރި ފަރާތް ނޫންކަމާއި، އެ މަސައްކަތް ކޮށްފައިވަނީ އަމިއްލަފަރާތަކުން ހިލޭ ސާބަހަށްކަން ތަހުގީގަށް އެނގޭ ކަމަށެވެ.
އެހެން ނަމަވެސް ސ.ފޭދޫ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ނިންމައި، މަސައްކަތުގެ ބިލު ކައުންސިލަށް ފޮނުވިއިރު، މަސްޖިދުލްފަލާޙްގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތުގެ އަގުކަމުގައިވާ 40000 (ސާޅީސްހާސް) ރުފިޔާ އުނިކޮށްފައި ނުވާކަމަށެވެ.
އެ ބިލަށް ފައިސާ ދެއްކުމުގެ ކުރިން، އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިންމާފައިވޭތޯ ބެލުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ވަނީ ފޭދޫގައި ހުންނަ އަވަށު އޮފީހަށް ފޮނުވި ސިޓީ އަށް ޖަވާބު ފޮނުވީ އަވަށު ބޯޑުގެ އޭރުގެ ވަގުތީ ރައީސެވެ.
އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ މަސްޖިދުލް ފަލާޙްގެ ބައެއް މަސައްކަތް ކޮށްފައިވަނީ އަމިއްލަފަރާތަކުން ހިލޭ ސާބަހަށްކަން އަވަށު ބޯޑުގެ ވަގުތީ ރައީސް އަށް އެނގިހުރެ އެކަން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަން ތަހުގީގަށް އެނގޭ ކަމަށެވެ. މައްސަލައިގެ ތަހުޤީޤުން އެނގޭ ކަމަށް ވެސް އޭސީސީ އިން ބުނެއެވެ.
މައްސަލަ ފޮރުވަން ވެސް މަސައްކަތް ކުރި
އޭސީސީ އިން ބުނެފައިވާ ގޮތުގައި މިކަން ފޮރުވުމުގެ ގޮތުން، މަސްޖިދުލްފަލާހްގައި ކުރަންހުރި މަސައްކަތް އަމިއްލަފަރާތަކުން ހިލޭ ސާބަހަށް ކޮށްފައިވާތީ، އެ މަސައްކަތުގެ ބަދަލުގައި އެހެން މިސްކިތްތަކެއްގެ މަސައްކަތް އެ އަގަށް ޙަވާލުކޮށްފައިވާކަން ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެއްބަސްވުމަށް އިތުރުކުރެވޭ ބައެއްގެ ގޮތުގައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއް ހަދާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އޭސީސީ އިން ބުނެއެވެ.
އޭސީސީ އިން ފޭދޫ އަވަށު ބޯޑުގެ ކުރީގެ ރައީސްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މި އެމްއޯޔޫ އަކީ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ނިމި އަދި އެ މަސައްކަތުގެ އަގުވެސް ލިބުނު ފަހުން، މާ ފަހުގެ ތާރީޚެއްގައި ހަދާފައިވާ އެމްއޯޔޫ އެއްކަން ތަހުގީގަށް ސާބިތުވާތީއެވެ.
ފޭދޫ އަވަށު ބޯޑުގެ ކުރީގެ ރައީސް އަހްމަދު ނަސީރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން ނެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) "ސަރުކާރު ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާ ކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ކުރާ ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދުމާއި ހޯދައި ދިނުމަކީ ކުށެކެވެ."
ފޭދޫ އަވަށު ބޯޑުގެ ވަގުތީ ރައީސްގެ މައްޗަށް ދައުވާކުރުމަށް އޭސީސީ އިން ފޮނުވާފައި ވާއިރު އޭނާގެ މި ޢަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ 40,000.00 (ސާޅީސްހާސް) ރުފިޔާ އޭނާގެ އަތުން ހޯދުމަށް ދައުވާ ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.