Last Updated: June 11, 21:26
Thursday, June 11, 2026
ސިޔާސީ

"މާލެ އާއި އަތޮޅުތެރެ ބެލެހެއްޓުން ވަނީ ވަރުގަދަ ކުރެވިފައި"

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެމްޑީޕީން މާލޭގައި ރޭގަނޑުގެ ވަގުތުތަކުގައި މުޒާހިރާ ކުރިޔަށް ދިޔަ ނަމަވެސް މާލެތެރެ ބެލެހެއްޓުން އިތުރުކޮށް ވަރުގަދަކޮށް ވަނީ ހަރުދަނާ ކުރެވިފައި ކަމަށް ފުލުހުން ބުނެފި އެވެ.

ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި މާލެތެރެ ޕެޓްރޯލް ކުރުން ޢާއްމު އުޞޫލުގެ މަތިން ކުރިއަށް ދެއެވެ.

މާލޭގައި ސިލްސިލާކޮށް ހިނގަމުންދާ މުޒާހިރާތަކާ ގުޅިގެން ރޭގަނޑުގެ ވަގުތުތަކުގައި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާއި ކެޕިޓަލް ޕޮލިހާއި ޓްރެފިކް ޕޮލިސްގެ ފުލުހުން ޙަރަކާތްތެރިވާ އިރު މާލޭ ސިޓީ ޕޮލިހުން ވަނީ މާލެތެރެ ބެލެހެއްޓުން އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

މިގޮތުން ޓްރެފިކް ޕޮލިހާއި ގަލޮޅު ޕޮލިސް އަދި މާފަންނު ޕޮލިހުގައި ޙަރަކާތްތެރިވާ ފުލުހުންގެ އިތުރުން ކަސްޓޯޑިއަލްގައި ޙަރަކާތްތެރިވާ ފުލުހުންނާއި އެޑްމިން މަސައްކަތުގައި ޙަރަކާތްތެރިވާ ފުލުހުންވެސް މާލެތެރެ ބެލެހެއްޓުމުގައި ދަނީ ޙަރަކާތްތެރި ވަމުންނެވެ.

މާލެއަކީ އަމާންކަން ޤާއިމް ކުރެވިފައިވާ ތަނަކަށް ހެދުމަށް ފުލުހުން ގުޅިގެން މިއޮޕަރޭޝަން ކުރިޔަށް ގެންދާ އިރު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދަނީ ވަރަށް ބޮޑު އެއްބާރުލުމެއް ދެމުންނެވެ.

މާލޭ ސިޓީގައި ޙަރަކާތްތެރިވާ ފުލުހުން ބުރަ މަސައްކަތްތަކެއް ކުރާއިރު އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ އަތޮޅުތަކުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. ހަމަ އެއާ އެކު ފުލުހުންގެ އެންމެ މުހިއްމު އެއް މަސައްކަތް ކަމުގައި ހިމެނޭ ތަޙުޤީޤު ކުރުމާއި ފޮރެންސިކް ހެކި ހޯދުމުގައި އެޑިޕާޓްމަންޓްތަކުގެ ފުލުހުންގެ ޙަރަކާތްތައްވެސް ފަނޑުވުމެއް ނެތި ކުރިއަށް ދެ އެވެ.

މީގެ އިތުރުން ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއަކަށް ތައްޔާރުވެގެން މެރިން ޕޮލިސް ތައްޔާރީ ޙާލަތުގައި ތިބެ ދަނީ ޙަރަކާތްތެރިވަމުންނެވެ.