ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ނަގާފައިވާ 2 މިލިއަން ރުފިޔާ 7 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް އެދި ސިޓީއެއް ފޮނުވައިފި އެވެ.
އެމްޑީޕީ ޓިކެޓުގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރި ޔާމީން އަށް އިއްޔެ ޖާބިރު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދެ މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ނުދައްކާނަމަ ޝަރުއި ގޮތުން ފައިސާ އަނބުރާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ޖާބިރު ސިޓީގައި ބުނެފައިވަނީ "މަނިކުފާނު އަޅުގަނޑުގެ އަތުން -/2،000،000 ނަގާފައި ވާކަން މަނިކުފާނު ގަބޫލުފުޅު ކުރައްވާނެ" ކަމަށެވެ. ނަމަވެސް "މިހާރު" އަށް ޔާމީން ދިން އިންޓަވިއުއެއްގައި ވަނީ ޖާބިރު ސިޓީ ފޮނުވި ކަމާއި ފައިސާގެ މުއާމަލާތެއް ހިނގާފައިވާ ކަން ދޮގުކޮށްފައެވެ.
ޔާމީން ވިދާޅުވެފައިވަނީ ޖާބިރު އޭނާއަށް މުޚާތަބުކޮށް ސިޓީއެއް ލިޔެފައިވާތަން ފެނިފައިވަނީ ސޯޝަލް މީޑިޔާއިން ކަމަށެވެ. އެފަދަ އެއްވެސް ސިޓީ އޭނާއަށް ލިބިފައި ނުވާ ކަމަށާއި ޖާބިރު މަސައްކަތް ކުރައްވަނީ އޭނާގެ އަބުރު ކަތިލުމަށް ކަމަށް ޔާމީން "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
"ސިޔާސީ ގޮތުން ޕްރެޝަރު ކުރަން ވެގެން ކުރާ ކަމެއް މިއީ. ދުވަހަކުވެސް ފައިސާއެއް ނަގާފައި ނުވާނެ ޖާބިރު އަތުން."
ޔާމީންގެ ރައްދަށް ޖާބިރު އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޖާބިރު އަތުން ނެގި ކަމަށް ބުނާ ފައިސާ އަނބުރާ ނުދައްކާނަމަ ކޯޓަށް ދާނެ ކަމަށް ޖާބިރު ސިޓީގައި ބުނެފައިވެއެވެ.
ވެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށް ފަހު ޔާމީން ވަނީ އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ ޕީޕީއެމްއާއި ގުޅި ރައީސް ޔާމީނަށް ބައިއަތު ހިއްޕަވާފައެވެ.