މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މަރަދޫ ޓީމާއި ފޭދޫ ޓީމްގެ ސަޕޯޓަރުން ގޮވައިގެން ދަތުރުކުރި ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް)ގެ ފެރީ ހުޅުމީދޫ ބަނދަރު ކައިރީ އޮތް ތިލައަކަށް އަރައިފިއެވެ.
މަރަދޫ ޓީމްގެ ކުޅުންތެރިއަކު ބުނީ މީހުން ގޮވައިގެން ފެރީ ހުޅުމީދޫ ބަނދަރުން ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން ދޯނި ގޮސް އެރީ ބަނދަރުން ބޭރުގައި އޮތް ބޮޑު ތިލައަކަށް ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަދި އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. ފެރީގައި ތިބި ކުޅުންތެރިންނާއި ސަޕޯޓަރުން މިހާރު ލޯންޗެއް ކައިރިކޮށް ހުޅުމީދޫ ބަނދަރަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ބަނދަރު ބޭރުން އޮތް ތިލައަށް ވަރަށް ބޮޑަށް ފެރީ އޮތީ އަރާފައި، ފަހަތަށް ޖެހެތޯ މަަސއްކަތް ކުރަމުން ދަނިކޮށް މިހާރު ފެރީގެ އިންޖީނަށް ވަނީ މައްސަލަ ދިމާވެފައި، ނަސީބަކުން ބަނދަރާއި ވަރަށް ކައިރީ އޮތް ތަނަކަށް ފެރީ އެރީ"
މިނިވަން ޗެމްޕިއަންޝިލް މުބާރާތާއި ގުޅިގެން އެސްޓީއެލްގެ ފެރީ ދަތުރުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލު ގެނެސްފައިވަނީ މުބާރާތުގައި ކުޅޭ އަނެއް 4 ޓީމްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ފަސޭހައިން މީދޫ ދަނޑަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.
މި ހާދިސާ އާއި ގުޅޭ ގޮތުން އަދި އެސްޓީއެލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.