Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އާލާ އަށް ފިޔަވަޅު އެޅީ ގާނޫނާ ޚިލާފަށް ކަމަށް އިއުތިރާފްވެއްޖެ

photo: Mihaaru

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ، އާލާ އިބްރާހިމް ރަޝީދު މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށްބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން 50،000ރ. އިން ޖޫރިމަނާ ކުރި މައްސަލައިގައި ގާނޫނާއި ޚިލާފުވެފައިވާ ކަމަށް ބްރޯޑްކޮމް އިން އިއުތިރާފުވެއްޖެ އެވެ.

ބްރޯޑްކޮމްއިން އާލާ ޖޫރިމަނާ ކުރުމުގެ މައްސަލަ އަލުން ބެލުމަށް ނިންމައި ރާއްޖެ ޓީވީގެ ނޫސް އެޑިޓަރު އަލީ ޔޫސުފް އެކޮމިޝަނަށް ހާޒިރުކޮށް ބުނެފައިވަނީ ގާނޫނު އަސާސީގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ފުރުސަތު ދީފައިނުވާ ކަން ބްރޯޑްކޮމް އިން ވަނީ ފާހަގަކޮށްފައެވެ.

ބްރޯޑްކޮމް އިން އިތުރަށް ބުނެފައިވަނީ ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް އުނިވެފައިވާތީ އެމައްސަލަ އަލުން ރިވިއުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އާލާއާއެކު ބްރޯޑްކޮމް އިން ވަނީ ރާއްޖެ ޓީވީވެސް 200،000ރ. އިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ރާއްޖެ ޓީވީގެ މައްސަލަ އަލުން ރިވިއު ކުރުމަށް ނިންމާފައިނުވާ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ. ސަބަބަކަށް ބުނެފައިވަނީ އެއީ އެހެން މައްސަލައެއް ކަމަށް އަލީ މައުލޫމާތު ދީފައިވެއެވެ.

ނަމަވެސް އެއީ ކީއްވެތޯ ތަކުރާރުކޮށް ކުރި ސުވާލަށް ބްރޯޑްކޮމް އިން ވަނީ ގާނޫނީ ލަފާ ނެތި ޖަވާބުދާރީވުމަށް ދެކޮޅު ހަދާފައެވެ. ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާ ކޮށް، އެފައިސާ ދައުލަތަށް ދައްކައި ޚަލާސް ކުރި ދުވަހު ބްރޯޑްކޮމް އިން ވަނީ ރާއްޖެ ޓީވީ ރައީސް ޔާމީންގެ އަބުރަށް އަރައިގަނެފައިވާ ކަމަށްބުނެ 1،000،000ރ. އިން ޖޫރިމަނާކޮށްފައެވެ.