މެއި މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަންޖޭ ގްޕްތާގެ "ޝޫޓް އައުޓް އެޓް ވަޑާލާ" ގައި ޕްރިޔަންކާ ޗޯޕްޅާގެ އައިޓަމް ލަވައެއް ހިމެނޭނެ ކަމަށް ސަންޖޭ ބުނެފި އެވެ.
އޭނާ މިކަން ކަށަވަރުކޮށް ދީފައި ވަނީ ޕްރިޔަންކާގެ އައިޓަމް ލަވައެއް އެ ފިލްްމްގައި ހިމެނޭނެ ކަމާ ބެހޭ ގޮތުން އެކި ގޮތް ގޮތަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.
ޑައިރެކްޓަރު ސަންޖޭ އޭނާގެ ޓްވިޓާގައި މިއަދު ބުނެފައި ވަނީ "ޝޫޓް އައުޓް އެޓް ވަޑާލާ" ގައި ހިމެނޭ "ބަބްލީ ބަދްމާޝް ހޭ" ލަވައިން ޕްރިޔަންކާ ފެނިގެން ދާނެ ކަމަށެވެ. އަދި އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ އަނޫ މަލިކް ކަމަށާއި ލަވަ ކިޔާފައި ވަނީ ސުނީދީ ޗޯހަން ކަމަށް ސަންޖޭ ބުންޏެވެ.
އޭނާ ބުނީ މި ލަވަ ވެގެން ދާނީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދާނެ "ގްލެމަރަސް" އައިޓަމް ލަވައަކަށް ކަމަށެވެ. އަދި ލަވައި އަހާލަން އުނދަގޫ ކަހަލަ ހަަޑި ބަސްތަކެެއް ނުހުންނާނެ ކަމުގެ ޔަގީންކަން ވެސް ސަމްޖޭ ވަނީ ދީފަ އެވެ.
"ޝޫޓް އައުޓް އެޓް ވަޑާލާ" ގައި ލީޑް ރޯލް އަދާކޮށްފައި ވަނީ ޖޯން އަބްރަހަމް، ކަންގަނާ ރަނާވަތު، އަނިލް ކަޕޫރު، ސޯނޫ ސޫދު، ތުޝާރު ކަޕޫރު އަދި މަނޯޖް ބަޖްޕާއީ އެވެ.